އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ ރަސްމީކޮށް ހުޅުވާލާފައެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ އެ ޕާޓީގެ މެމްބަރަކަށް ވުމުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މަޖިލިސް މެމްބަރުކަމަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ މީހަކަށް ވާންޖެހޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
ޗެއާޕާސަން ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. މީގެ އިތުރުން، ޑިޕާޓްމަންޓް އޮފް ޖުޑިޝަރީން ދޫކުރާ ކުށާއި ދަރަނީގެ ރެކޯޑުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކުށުގެ ރެކޯޑް ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް އެ ޕާޓީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ މެންދުރުފަހު 2:30 އިން ފެށިގެން ރޭގަނޑު 8:00 ގެ ނިޔަލަށެވެ.
މި މަގާމަށް ވާދަކުރައްވާނެކަން މިހާތަނަށް ތިން ބޭފުޅަކު ވަނީ އިއުލާނު ކުރައްވާފައެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މެމްބަރު އަލްހާން ފަހުމީއެވެ. މި ތިން ބޭފުޅުންވެސް މިހާރު ވަނީ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތައް ފައްޓަވާފައެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، މިވަގުތު އެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާއެވެ.





