ހައްޖަށް ދިއުމަށް ރަޖިސްޓްރީވެ، އެތައް އަހަރެއްގެ ދިގު ކިއުއެއްގައި ރައްޔިތުން ތިއްބާ، ބައެއް ކުންފުނިތަކުން އިނާމުގެ ގޮތުގައި ދޭ ހައްޖު ދަތުރުތަކަށް ކުއްލި ފުރުސަތު ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުންފުނިތަކުން ގުރުއަތުން ހޮވޭ މީހުންނަށް ކިއު ފަހަނައަޅައި ދިއުމުގެ ފުރުސަތު ދިނުމަކީ މީގެ ކުރިން އާންމުކޮށް ކުރަމުން އައި ކަމެއް ނަމަވެސް، މިހާރު އެކަން ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށެވެ.
ޝަހުސީ ގަބޫލުކުރުމެއް ނޫން
މިނިސްޓަރު ޝަހީމް ވިދާޅުވި ގޮތުގައި، ކުންފުނިތަކަށް ވަކިން "ކޯޓާ" ދޫކުރުމަކީ އޭނާ އަމިއްލަފުޅަށްވެސް ތާއީދުކުރައްވާ ކަމެއް ނޫނެވެ.
"ކިއުގައި އެހާ ގިނަ މީހުން ރަޖިސްޓްރީވެފައި ތިއްބާ، ކުއްލިއަކަށް މިގޮތަށް އަންނަ ފުރުސަތުތަކަށް ޖާގަ ދިނުމަކީ އިންސާފެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ އިތުރަށް ސާފުކޮށްދެއްވި ގޮތުގައި، ކުންފުނިތަކުން މުވައްޒަފުންނަށް ދޭ ހައްޖު ދަތުރުތައްވެސް ބައްޓަންކުރަންވާނީ ހައްޖު ކިއުގެ ތަރުތީބުންނެވެ. ކުންފުނިތަކަށް ކުރެވިދާނެ ކަމަކީ، މުވައްޒަފަށް ބޭނުންވާ ފައިސާ ދައްކައިދީ، ކުރިއާލާ ކިއުއަށް އެރުވުން ކަމަށް މިނިސްޓަރު ލަފާދެއްވިއެވެ.
ދެމަފިރިން އެކުގައި ހައްޖަށް ދިއުމުގެ ފުރުސަތު
މެންބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދެމަފިރިއަކު އެކުގައި ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާނަމަ، އެ ދެމަފިރިންނަށް އެކުގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ހައްޖު ކޯޕަރޭޝަނުން އަބަދުވެސް އިސްކަންދޭ ކަމަށެވެ.
ކޯޓާ އިތުރުވުމުގެ އުންމީދު
ސައުދީ އަރަބިއްޔާގައި ހިނގަމުންދާ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާ ހެދި މިހާރު ކޯޓާ މަދުވި ނަމަވެސް، އެ މަސައްކަތްތައް ނިމުމުން އެންމެ ފުރަތަމަވެސް ކޯޓާ އިތުރުކޮށްދޭނެ ގައުމަކަށް ރާއްޖެ ވާނެ ކަމުގެ ޔަގީންކަން ސައުދީ ސަރުކާރުން ދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.




