ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ވެރިކަން ކުރާ ޕީއެންސީގެ ތެރެއިން ފަށާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ދޮގުކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން، ފަލާހު ވިދާޅުވީ ނާޒިމް މަގާމުން ވަކިކުރަން އުޅޭ ކަމަށް ފެތުރެނީ "މާސިންގާ ދޮގެއް" ކަމަށެވެ. އަދި އެފަދަ ކަމެއް ހިނގަމުން ނުދާ ކަމަށާއި، ނާޒިމް މަގާމުން ވަކިކުރަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ވެސް މެދުވެރިވެފައި ނުވާ ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
ނަމަވެސް، މަޖިލީހުގެ ބައެއް އެހެން މެންބަރުންނާ ހަވާލާދީ ލިބޭ މައުލޫމާތުތަކަށް ބަލާއިރު، މަގާމުން ދުރަށް ވަޑައިގަތުމަށް ނާޒިމަށް އެންގުމުގެ ވިސްނުމެއް ޕާޓީގެ ތެރޭގައި އެބައޮތެވެ. ނަން ހާމަނުކުރަން އެދި "މިހާރު" އަށް މައުލޫމާތު ދެއްވި މެންބަރަކު ވިދާޅުވީ، ރަސްމީކޮށް ސޮއި ހޯދުމުގެ މަސައްކަތް އަދި ނުފެށި ނަމަވެސް، ކަންކަން މިސްރާބު ޖަހާފައިވަނީ ނުސީދާކޮށް އެ ދިމާލަށް ކަމަށެވެ.
މި ވާހަކަތައް ގަދަވެފައިވަނީ، މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި 241 ކޮމިޓީން ނާޒިމް ވަކިކޮށް، އެންވަޔަރުމެންޓް ކޮމިޓީއަށް އޭނާ ބަދަލުކުރުމާ ގުޅިގެންނެވެ. މީގެ ކުރިން އޭނާ އިންނެވި ދެ ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތާއި ގައުމީ ސަލާމަތާ ގުޅުންހުރި އެންމެ ނުފޫޒުގަދަ ދެ މަސްއޫލިއްޔަތެވެ.
މި ބަދަލާ ގުޅޭގޮތުން ނާޒިމް ވިދާޅުވީ، އެއީ އޭނާގެ އަމިއްލަ އެދުމުގެ މަތިން ގެނައި ބަދަލެއް ކަމަށެވެ. ކުރިއަށް އޮތް ހަފުތާގައި ކޮމަންވެލްތު ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާއިރު އެކަމުގައި އިސްކޮށް އުޅުއްވަން ޖެހުމާއި، އަމިއްލަ ކަމެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭތީ، ބާރުބޮޑު ދެ ކޮމިޓީއަށް ވަގުތު ނުދެއްވޭނެތީ އެގޮތަށް އެއްބަސްވެވަޑައިގަތީ ކަމަށް އޭނާ ތަފްސީލު ދެއްވިއެވެ.
އަހުމަދު ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމަށް އިންތިހާބުވީ 28 މޭ 2024 ގައެވެ. އޭނާ އެ މަގާމަށް ހޮވުނީ 80 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ. މަގާމުން ވަކިކުރާ ވާހަކަ ދެކެވުނު ނަމަވެސް، މިއަދުގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ވެސް ނާޒިމެވެ.





