ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް، ކާޑު މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ތަރުޖަމާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1 ޖުލައި 2025 އިން ފެށިގެން ވަކި ހާއްސަ އީ-ކޮމާސް ޕްލެޓްފޯމްތަކެއް (ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި، ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ އެހެން އެއްވެސް މުއާމަލާތަކުން 30 އިންސައްތައާ ހަމައަށް ފީ ނުނަގާނެ ކަމަށެވެ. މީގެ އިތުރުން، ސިއްހީ ހިދުމަތާއި، ތައުލީމު އަދި ދަތުރުފަތުރު ފަދަ ދާއިރާތަކުގެ އެތައް ސަތޭކަ ވިޔަފާރިތަކަކުން ސިއްރިއްޔާތުގައި ފީ ނަގަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ވަނީ ދޮގުކުރައްވާފައެވެ.
ތަރުޖަމާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ބޭންކުގެ 'ޝެޑިއުލް އޮފް ޗާޖަސް' ގައިވާ ގޮތުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ރުފިޔާ ކާޑު ބޭނުންކުރުމުން 30 އިންސައްތައާ ހަމައަށް ފީއެއް ނެގުމުގެ އިހުތިޔާރު ބޭންކަށް އޮވެއެވެ. މިއީ ބައިނަލްއަގުވާމީ ބޭންކުތަކުން ވެސް އަމަލުކުރާ 'ކްރޮސްބޯޑަރ ފީ' ނެގުމުގެ އުސޫލެއް ކަމަށާއި، މިއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ލިސްޓަކަށް ދޭ ލުޔެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ގިނަ ބަޔަކު ބޭންކަށް ބަރޯސާވެފައިވާ މިންވަރަށް ބަލާއިރު، މިފަދަ ހަގީގަތެއް ނެތް ވާހަކަތައް ފެތުރުމަކީ ބޭންކުގެ އިތުބާރު ގެއްލުވާލައި، ގައުމުގެ އިގްތިސާދީ އަދި މާލީ ހަމަޖެހުމަށް ނުރައްކާކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ތަރުޖަމާނު ސިފަކުރެއްވިއެވެ. އެހެންކަމުން، ނުރަސްމީ މަސްދަރުތަކުން ފަތުރާ މައުލޫމާތަށް ސަމާލުނުވުމަށާއި، ހަމައެކަނި ބޭންކުގެ ރަސްމީ މައުލޫމާތަށް ބިނާކުރުމަށް ކަސްޓަމަރުންގެ ކިބައިން ބީއެމްއެލްއިން ވަނީ އެދިފައެވެ.





