މަސްވެރިންނަށް އެފްއެސްއެމްގެ ހުރިހާ ޝެޑުތަކުން މާދަމާއިން ފެށިގެން ހެޔޮ އަގުގައި ތެޔޮ ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މަސްވެރިކަން ކުރާ ހުރިހާ ދޯނި ފަހަރަށް އެސްޓީއޯ ޝެޑް ރޭޓުގައިމާދަމާއިން ފެށިގެން ތެޔޮ ލިބޭނެކަމަށެވެ. ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި 13 ރަށަކުން ތެޔޮ ލިބޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާކަށްވެސް މިނިސްޓްރީން ބުނެއެވެ.
ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ތެޔޮ ލިބޭ ރަށްތައް
- ހއ. އިހަވަންދޫ
- ހދ. ހަނިމާދޫ
- ށ. މިލަންދޫ
- ބ. އޭދަފުށި
- ފ. ނިލަންދޫ
- ކ. ހިންމަފުށި
- ރ. ދުވާފަރު
- ދ. ކުޑަހުވަދޫ
- ޅ. ފެލިވަރު
- ގއ. ކޫއްޑޫ
- ފުވައްމުލަށް ސިޓީ
- ހުޅުމާލެ ޖެޓީ
މަސްވެރިކަން ކުރާ ހުރިހާ އުޅަނދަކަށް އެސްޓިއޯ އަގުގައި ތެޔޮ ލިބޭނެކަން މިނިސްޓްރީން ބުނެފައި މިވަނީ ތެޔޮ އަގުބޮޑުވެގެން ބައެއް މަސްވެރިން މަހަށް ނުނިކުމެ އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށާފައި ވަނިކޮށެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ މި ދަނޑިވަޅުގައި ތެލުގެ އަގު އުފުލި ރާއްޖޭގައި ވެސް ތެލަށް ކުރާ ހަރަދު ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ނެތްކަން ހާމަކޮށްފައެވެ.





