ދިވެހިރާއްޖޭގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ހެނދުނު 06:00ގައި ކަޅުތުއްކަލާކޮށީގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު، ހަސަން ރަޝީދެވެ.
މި ރަސްމިއްޔާތުގައި، ޑިފެންސް މިނިސްޓަރު ވަނީ މިއަހަރު ބޭނުންކުރުމަށް ކަނޑައަޅާފައިވާ ޝިއާރުކަމުގައިވާ، "އަސްކަރީ އަހުލާގު – ސިފައިންގެ ކުރިއެރުން" މި ޝިއާރު ހާމަ ކޮށްދެއްވާފައެވެ.
ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން ޢަލީއާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންގެ އިތުރުން އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ބައިވެރިވިއެވެ.
މި ރަސްމިއްޔާތު ނިމިގެން ދިޔައީ ހާއްސަ ދުއާއަކާއި ސިފައިންގެ ލަވައިންނެވެ. 2026ވަނަ އަހަރުގެ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު، ސިފައިންގެ އޭރިއާ ކޮމާންޑްތަކުގައި ގާއިމްކޮށްފައިވާ ހުރިހާ މަރުކަޒެއްގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.



