ބައެއް ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަދައްކާ، މުޖުތަމައުގައި ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެފަދަ އަމަލުތައް ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމުން ގޮވާލައިފިއެވެ.
މާލޭގައި އިދިކޮޅު ދެ ޕާޓީއަކުން ރޭގަނޑު ސިލްސިލާ އެއްވުންތައް ބާއްވަމުންދެއެވެ. އެއީ ޕީއެންއެފްއާއި އެމްޑީޕީއެވެ. އޭގެ ތެރެއިން އެމްޑީޕީގެ އެއްވުމެއްގައި ހޮނިހިރު ދުވަހުގެ ރޭ ބަޔަކު ހައްޔަރުވެސް ކޮށްފައިވެއެވެ.
އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ވަނީ، ބައެއް ސިޔާސީ ޕާޓީތަކުން، ރޭގަނޑުގެ ވަގުތުގައި ސިލްސިލާ ގޮތެއްގައި މާލޭ ސިޓީގައި ބާއްވަމުން ގެންދާ އެއްވުންތަކުގައި ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، އެ ވާހަކަތައް މީޑިޔާގެ ޒަރީޢާއިން ޢާންމުވެ، އެކަމުގެ ސަބަބުން، އާންމުންގެ މެދުގައި ނަފުރަތު އުފައްދާކަމަށެވެ.
އެޗްއާރްސީއެމްއިން ވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެމަތީން، އެ މީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި އެނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްގެއް ކަމަށެވެ.
އެޗްއާރުސީއެމުން ވަނީ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ގަވައިދާ އެއްގޮތަށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެ ކޮމިޝަނުން އެދިފައިވެއެވެ.
ބަޔާން ނިންމާލަމުން އެ ކޮމިޝަނުން ވަނީ، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ ކަންކަމުން ދުރުހެލިވުމަށާއި، ހުރިހާ ހަރަކާތްތަކެއްވެސް ސުލްހަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފައެވެ.





