ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ އެހީތެރިކަން ހުއްޓާލާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ ބޭންކުން މިއަދު ދޮގުކޮށްފިއެވެ. ބީއެމްއެލުން ބުނި ގޮތުގައި، ޑޮލަރު ވިއްކުން ހުއްޓާލުމުގެ ބަދަލުގައި، މިދިޔަ އަހަރާ އަޅާބަލާއިރު ޑޮލަރު ވިއްކި އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
ޑޮލަރު ވިއްކުން 142 އިންސައްތަ އިތުރު
ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޖުމްލަ 106.2 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ވިއްކާފައިވާ ކަމަށެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 35.4 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖް ކަމަށްވާ 14.6 މިލިއަން ޑޮލަރާ އަޅާބަލާއިރު 142 އިންސައްތަ އިތުރު އަދަދެކެވެ.
ޓީޓީތަކުގެ ތަފްސީލް
-
މި އަހަރުގެ މިހާތަނަށް: 38,855 ޓީޓީއަށް ޑޮލަރު ފޯރުކޮށްދީފި.
-
މި ހިނގާ އެޕްރީލް މަހު: 6,800 އަށްވުރެ ގިނަ ޓީޓީ ފޮނުވުމަށް އެހީތެރިވެދީފި.
-
އިއްޔެ އެކަނި: 327 ޓީޓީއަށް 9 ލައްކައަށްވުރެ ގިނަ ޑޮލަރު ވިއްކި.
"ހުރިހާ ވިޔަފާރިއަކަށް އެހީތެރިކަން ފޯރުކޮށްދެން"
ބޭންކުން ބުނި ގޮތުގައި ޓީޓީ ހަދަން ޑޮލަރަށް އެދޭ ކޮންމެ ވިޔަފާރިއަކަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ. ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ބޭރު ފައިސާގެ ތާށިކަން އުޅޭ މި ދުވަސްވަރު، ވިޔަފާރިއަކުން އެދޭ ޖުމްލަ އަދަދަށް ޑޮލަރު ނުދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބޭންކުން ފާހަގަކުރިއެވެ.
"ބޭންކުން މި އަންނަނީ ބޭރު ފައިސާގެ ލިކުއިޑިޓީ ހަރުދަނާކަމާއެކު ބަލަހައްޓައި، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެމުން،" ބީއެމްއެލްގެ ބަޔާނުގައިވެއެވެ.
ހާއްސަކޮށް ކާބޯތަކެއްޗާއި މުހިންމު މުދާ އެތެރެކުރުމަށް ބޭންކުން އިސްކަންދޭ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.




