ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މީހަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން ބޭރު ގައުމެއްގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މި ހިނގާ މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 01:08 ހާއިރުއެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މާލޭގެ ކަރަންކާ މަގުގައެވެ. މި ހަމަލާގައި އަނިޔާލިބިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 38 އަހަރުގެ ފިރިހެނަކަށެވެ. އެމީހާގެ ކަރަށް ވަނީ މި ހަމަލާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ އަންތަރު މުއްލާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ފުލުހުން ދަނީ މިހާރު ތަހުގީގު ކުރިއަށް ގެންދަމުންނެވެ.



