ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ އޮޑިޓެއް ހަދާފައި ނުވާތީ، އެކަން ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ބިންތަކާއި ވަސީލަތްތަކުން ލިބޭ އާމްދަނީ ބަލަހައްޓާ މާލެ ސިޓީ ކައުންސިލް ފާއިތުވި ދިހަ ވަރަކަށް އަހަރު އޮޑިޓްކޮށްފައި ނުވާކަން ވަނީ އެނގިފައެވެ. މީގެއިތުރުން، ދައުލަތުގެ މުއައްސަސާތައް އޮޑިޓްކުރުމުގެ ޒިންމާ އޮތް އޮޑިޓާ ޖެނެރަލް ވެސް އެ މަސައްކަތް ކުރައްވާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މެންބަރު ކުޑޫ ވިދާޅުވީ، ކައުންސިލް އޮޑިޓް ނުކުރެވި އޮތް ސަބަބު ހޯދައި، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން، މިކަން ހިނގާފައިވާ ގޮތް ސާފުކޮށް، އޮޑިޓް ރިޕޯޓުތައް އަވަހަށް ޝާއިއުކުރުމަށް ބާރުއެޅުމުގެ ގޮތުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިދިނުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަރިހުން އޭނާ ވަނީ އެދިވަޑައިގެންފައެވެ.
ހަމައެއާއެކު، ގާނޫނުއަސާސީން މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން، މާލެ ސިޓީ ކައުންސިލާއި އޮޑިޓާ ޖެނެރަލް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ވެސް މެންބަރު މުހައްމަދު އިބްރާހީމް ވަނީ ހުށަހަޅުއްވާފައެވެ.




