ދިވެހިރާއްޖެއިން ސްވިޑަންއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ޢައިޝަތު ޝާން ޝާކިރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެޤައުމުގެ ރަސްގެފާނު ކިންގް ކާލް 16 ވަނަ ގުސްޓާފްއަށް މިއަދު ރަސްމީކޮށް ހުށަހަޅުއްވައިފިއެވެ. މި ރަސްމިއްޔާތު ކުރިއަށްދިޔައީ ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ރަސްމީ ގަނޑުވަރުގައެވެ.
ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ސްވިޑަންގެ ރަސްގެފާނަށާއި އެޤައުމުގެ ރައްޔިތުންނަށް ސަފީރު ޝާން ތަހުނިޔާ ރައްދުކޮށްދެއްވިއެވެ. މީގެއިތުރުން، ދެޤައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުމަށް އަލިއަޅުއްވާލައްވައި، ދެފަރާތުންވެސް އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅުން އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ސަފީރު ވަނީ ސްވިޑަންގެ ޚާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން ވަރުގަދަކުރުމަށާއި ބައިނަލްއަޤުވާމީ މައިދާނުގައި އެކުގައި މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ބަރލިންގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ސައިފުﷲ ވަލީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަފީރު ޢައިޝަތު ޝާން ޝާކިރަކީ ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ އިތުރުން، ނޯވޭ އަދި ފިންލެންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުވެސްމެއެވެ.





