އީރާނުގެ ހަމަނުޖެހުންތަކާ ގުޅިގެން ޖެޓް ފިއުލްގެ އަގު އިންތިހާއަށް އުފުލުމުގެ ސަބަބުން، ފްލައިޓްތައް މަދުކުރުމާއި ބައެއް ބޯޓުތައް ދަތުރުކުރުން ހުއްޓާލުމުގެ މަސައްކަތް އަވަސްކުރަމުންދާކަން ލުފްތަންސާ އެއާލައިނުން ބުރާސްފަތި ދުވަހު އިޢުލާނުކޮށްފިއެވެ.
ޖަރުމަނުގެ މި އެއާލައިނުން ވަނީ ގެއްލުމުގައި ހިންގަމުންދާ "ލުފްތަންސާ ސިޓީލައިން" ސަބްސިޑިއަރީގެ ބައެއް އޮޕަރޭޝަންތައް ވަގުތުން ހުއްޓާލުމަށާއި، ފްރެންކްފާޓް އަދި މިއުނިކްގައި ބޭނުންކުރާ 27 ބޯޓެއް ހިދުމަތުން ވަކިކުރުމަށާއި، އަދި އޮކްޓޯބަރު މަހުން ފެށިގެން ދުވަސްވީ ބޯޓުތައް ދަތުރުކުރުން ހުއްޓާލުމަށް ނިންމާފައެވެ.
ސީއީއޯ ކާސްޓަން ސްޕޯ ވަނީ ކެރޮސިންގެ އަގު މައްޗަށް ދާތީ، ކުރިއަށް އޮތް މަސްތަކުގައި ފްލައިޓްތައް އިތުރަށް މަދުވެ، ފަސިންޖަރުން އަތުން ނަގާ ފެއާ ނުވަތަ ޓިކެޓްގެ އަގު ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމުގެ އިންޒާރު ދެއްވާފައެވެ.





