ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންގެ މަގާމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އައްޔަންކުރައްވައިފިއެވެ. މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފަށް މި މަގާމު ދެއްވާފައިވަނީ ވަޒީރުންގެ ފެންވަރުގައެވެ.
މި މަގާމުގައި ކުރިން ހުންނެވި ހީނާ ވަލީދު، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމަށް އިއްޔެ ބަދަލުކުރެއްވުމާ ގުޅިގެން، އޭނާ ވަނީ ތަރުޖަމާނުގެ މަގާމުން ވަކިވެވަޑައިގެންފައެވެ. ސަރުކާރުގެ އިސް ތަރުޖަމާނަކަށް މުންދު މި އައްޔަންކުރެއްވީ، ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުން މި މަހުގެ 6 ވަނަ ދުވަހު އޭނާ ވަކިކުރެއްވުމަށްފަހުގައެވެ.
މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. އޭނާ ސަފީރުކަމުން ވަކިކުރީ، ޕީއެންސީގެ ކާމިޔާބީއާ ގުޅޭގޮތުން އަސްމާ ދެއްކެވި ވާހަކަފުޅުތަކެއްގެ އޯޑިއޯއެއް އާންމުވެ، ސިޔާސީ މަސްރަހު ހޫނުވެފައިވަނިކޮށެވެ. ނަމަވެސް، އެ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައެވެ.
މުހައްމަދު ހުސައިން ޝަރީފަކީ މީގެ ކުރިންވެސް ރައީސް އޮފީހުގެ ތަރުޖަމާނުކަމާއި، ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާ ވަނީ މީގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރުކަންވެސް ކުރައްވާފައެވެ.




