ހުޅުމާލޭގައި މަދިރި އުފެދޭ މިންވަރު މަދުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ "މަދިރިން ރައްކާ" ހަރަކާތުގެ ދަށުން، އެ ރަށުގެ އެކި ސަރަހައްދުތަކަށް ބޭސް ޖެހުމުގެ (ފޮގު ކުރުމުގެ) މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ ފަށާފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މިއީ މަދިރީގެ ސަބަބުން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، މަދިރި އާލާވާ ތަންތަން ބަލައި އެފަދަ ތަންތަން ނައްތާލުމަށް ކޮންމެ އަހަރަކުވެސް އެ ކުންފުނިން ހާއްސަ އިސްކަމެއް ދީގެން ހިންގާ ސިލްސިލާ ޕްރޮގްރާމެކެވެ. އެގޮތުން މި ފަހަރުގެ ފޮގު ކުރުމުގެ މަސައްކަތް މިއަދު ފަތިހު ވަނީ ފަށާފައެވެ.
މި މަސައްކަތް ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ ފަތިހު 4:00 އިން ހެނދުނު 6:00 އަށެވެ. މަދިރީގެ ޒަރިއްޔާ އިން ޖެހޭ ބަލިތައް މި ދުވަސްވަރު އިތުރުވަމުންދާތީ، މަދިރި އުފެދޭ ތަންތަން ސާފުކުރުމާއި ބައެއް ސަރަހައްދުތަކަށް ބޭސް އެޅުމުގެ މަސައްކަތްވެސް އެޗްޑީސީން ދަނީ ކުރަމުންނެވެ.
މީގެ ކުރީ އަހަރުތަކުގައިވެސް ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ފަދަ މުއައްސަސާތަކާ ގުޅިގެން މަދިރި ކޮންޓްރޯލް ކުރުމުގެ ގިނަ ހަރަކާތްތަކެއް އެޗްޑީސީން ވަނީ ހިންގާފައެވެ. އަދި މަދިރި މަދުކުރުމުގައި އާންމު ފަރުދުންގެ ފެންވަރުގައިވެސް އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.




