ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަޤާމަށް އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އިބްރާހީމް ނިޝާން އިބްރާހީމް ޢައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް ނިޝާން ޢައްޔަންކުރައްވާފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި މައިމޫނާ އަބޫބަކުރުރިޓަޔަރކުރެއްވުމާ ގުޅިގެންނެވެ.
އެޗްޕީއޭގެ ޑީޖީގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށްއަސާސީ މުސާރައިގެ ގޮތުގައި 21،884ރ. އާއި، މަޤާމުގެ އެލަވަންސްގެ ގޮތުގައި 12،534ރ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް 339ރ. ލިބޭނެއެވެ.
މި މަޤާމުގައި ހުންނަވާ ބޭފުޅަކު ކުރައްވަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ގަވާއިދުތައް ހެދުމާއި، އެ ގަވާއިދުތައް ތަންފީޒުކުރުމާއި، ޢާންމު ޞިއްޙަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް ކަނޑައެޅުމާއި، އެޖެންސީ ހިންގުމަށް ކަނޑައަޅާ އެކްޝަން ޕްލޭނާއި، ޕްރޮޖެކްޓްތައް ތަންފީޛު ކުރެވެމުންދާގޮތް ބެލުމާއި، އެޖެންސީގެ މަސައްކަތްތަކަށް ކަނޑައެޅޭ ބަޖެޓް ބޭނުންކުރެވެމުންދާގޮތް ބެލުމާއި، އަދި މީގެ އިތުރުންވެސް އާންމު ޞިއްޙަތުގެ ދާއިރާއިން ދެވޭ ޚިދުމަތްތައް ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި، މިނިސްޓްރީގެ ސިޔާސަތުތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ ހިއްސާކުރުމާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން ހިމެނެއެވެ.




