މާފަންނު ސަބުދެލިމަގުގައި ހުންނަ މ. ބީޗްފްލެޓް ހައުސްގެ 10 ވަނަ ފަންގިފިލާއިން މިދިޔަ ބުރާސްފަތި ދުވަހު ވެއްޓުނު ބަންގްލަދޭޝް މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 6:20 ހާއިރުއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ހާދިސާގައި އަނިޔާވީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. އޭނާ ވެއްޓުނީ އެ އިމާރާތުގެ މަތިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެ ގޭގެ ފުރާޅު މަތީގައި ސަންސްކްރީން ނެޓް ދެމުމުގެ މަސައްކަތުގައި އޭނާ އުޅެނިކޮށެވެ. އޭނާ މި މަސައްކަތް ކުރަމުންދިޔައީ އެހީތެރިވާނެ އިތުރު މީހަކު ނެތި، އަދި ރައްކާތެރިކަމުގެ އެއްވެސް ވަސީލަތެއް ބޭނުންނުކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
ހޮސްޕިޓަލަށް ގެންދިޔަ ވަގުތުވެސް އޭނާގެ ބޮލަށާއި މޫނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ލޭ އަންނަމުންދިޔަ ކަމަށްވެއެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނާޅައި މަސައްކަތް ކުރުމުގެ ސަބަބުން މީގެ ކުރިންވެސް މިފަދަ ހިތާމަވެރި ހާދިސާތައް ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވެއެވެ.




