ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން އާއިލީ މާހައުލަށް ބަދަލުކުރުމަށް ބާރުއެޅުމުގެ ގޮތުން، ފޮސްޓާކުރާ ކުދިން ބަލަހައްޓާ ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ލިބޭ ގޮތަށް ހާއްސަ ޗުއްޓީއެއް ދޭން ސަރުކާރުން ނިންމައިފިއެވެ.
ސިވިލް ސާވިސް ގަވާއިދަށް ގެނައި މި އިސްލާހު އިއްޔެ ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އަމަލުކުރަން ފަށާފައެވެ. މި ބަދަލަކީ ފޮސްޓާ ކުރާ އާއިލާތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން ކުރިއަށްގެންދިޔަ މަސައްކަތުގެ ނަތީޖާއެކެވެ.
ޗުއްޓީ ކަނޑައަޅާފައިވާ ގޮތް:
އާ ގަވާއިދުގެ ދަށުން ޗުއްޓީ ދިނުމުގައި ބަލާނީ ކުއްޖާއާ ހަވާލުވާ ވަގުތު ކުއްޖާގެ އުމުރަށެވެ.
-
6 މަސް ނުފުރޭ ކުދިން: ކުއްޖާއާ ހަވާލުވާއިރު އުމުރުން 6 މަސް ނުފުރޭނަމަ، ކުއްޖާގެ އުމުރުން 6 މަސް ހަމަވަންދެން މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް ޗުއްޓީ ލިބޭނެއެވެ.
-
6 މަސް ފުރިފައިވާ ކުދިން: ކުއްޖާއާ ހަވާލުވާއިރު 6 މަސް ފުރިފައިވާނަމަ، ނުވަތަ 6 މަސް ފުރެން 30 ދުވަހަށްވުރެ ކުރު މުއްދަތެއް އޮތްނަމަ، މުސާރަ އާއި އިނާޔަތާއެކު 30 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
އާއިލީ ގުޅުން ބަދަހިކުރުމަށް އެޅުނު ފިޔަވަޅެއް
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިފަދަ ޗުއްޓީއެއް ތައާރަފްކުރީ ފޮސްޓާކުރާ ތުއްތު ކުދިންނަށް ބޭނުންވާ އަޅާލުމާއި ވަގުތު ދިނުމުގައި ބެލެނިވެރިންނަށް ދަތިތަކެއް ހުރިކަމުގެ ޝަކުވާ ލިބެމުންދާތީއެވެ.
"ސަރުކާރުގެ އަމާޒަކީ ކުދިން މަރުކަޒުތަކުގައި ބޭތިއްބުމުގެ ބަދަލުގައި، އާއިލީ ލޯތްބާއި އޯގާތެރިކަމުގެ ތެރޭގައި އެކުދިން ބޮޑުވާނެ މަގު ފަހިކޮށްދިނުން،" މިނިސްޓަރު ވިދާޅުވިއެވެ.
ފަހަކަށް އައިސް ފޮސްޓާކުރުމުގެ މަރުހަލާތައް އަވަސްކޮށް، ނިޒާމަށް ގެނައި ބަދަލުތަކާއެކު ކުދިން ބަލަން ބޭނުންވާ އާއިލާތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ދެ އަހަރުގެ ތެރޭގައި އެކަނިވެސް 111 ކުއްޖަކު ވަނީ އާއިލާތަކާ ހަވާލުކޮށްފައެވެ.
މި އާ އިސްލާހާއެކު، ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރެއް ނެތި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.





