އެޓާނީ ޖެނެރަލްގެ އޮފީހުން 2024 ވަނަ އަހަރު ކޮށްފައިވާ ހުރިހާ ހަރަދުތަކަކީވެސް ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކަނޑައަޅައިފިއެވެ.
އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ސޮއިކުރައްވައި ނެރުއްވި ރިޕޯޓުގައި ބުނެފައިވަނީ، އެ އަހަރު ފާސްކުރި ބަޖެޓުން ހޭދަކުރި ގޮތާއި ޕަބްލިކް އެކައުންޓިން ސިސްޓަމްގެ ރެކޯޑުތަކުގައި އެއްވެސް ފަރަގެއް ނެތް ކަމަށެވެ. އަދި އޮފީހުގެ މާލީ ކަންކަން ހިންގާފައިވަނީ ހަރުދަނާ ނިޒާމެއްގެ ތެރެއިންކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.
ބަޖެޓުގެ ތަފްސީލާއި ޚަރަދުތައް
2024 ވަނަ އަހަރަށް އޭޖީ އޮފީހަށް ފާސްކޮށްދިނީ 34.83 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ތެރެއިން ބޭނުންކޮށްފައިވަނީ 34.5 މިލިއަން ރުފިޔާއެވެ. ބަޖެޓުގެ ބޮޑުބައި ހޭދަކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި، އިނާޔަތްތަކާއި، އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތްތަކުގެ އިތުރުން މުވައްޒަފުން ތަމްރީނުކުރުމަށެވެ.
2024 ވަނަ އަހަރުގެ މުހިންމު މަސައްކަތްތައް
ނިމިދިޔަ އަހަރަކީ އޭޖީ އޮފީހުން ގިނަ ގާނޫނީ މަސައްކަތްތަކެއް ނިންމި އަހަރެކެވެ. އެގޮތުން:
-
ގާނޫނީ ލަފާ: ޖުމްލަ 941 މައްސަލައެއް ހުށަހެޅުނުއިރު، އޭގެ ތެރެއިން 850 މައްސަލައަކަށް ވަނީ ލަފާ ދީފައެވެ.
-
ދައުލަތަށް ދައުވާލިބޭ މައްސަލަ: ދައުލަތުގެ މައްޗަށް ދައުވާ ލިބޭ 125 މައްސަލައެއް ހުށަހެޅުނުއިރު، 46 މައްސަލައެއް ވަނީ ނިންމާފައެވެ. ބާކީ 79 މައްސަލަ މިހާރުވެސް ކޯޓުގައި ކުރިއަށްދެއެވެ.
-
ދައުލަތުން ކުރި ދައުވާ: ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހެޅި 303 މައްސަލައިގެ ތެރެއިން 169 މައްސަލައެއް ވަނީ ނިންމާފައެވެ.
-
ގާނޫނީ އެހީތެރިކަން: އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކުގައި ވަކީލެއްގެ އެހީއަށް އެދުނު 289 ފަރާތުގެ ތެރެއިން، ޝަރުތު ހަމަވި 188 ފަރާތަކަށް ވަކީލުން ހަމަޖައްސައިދިނެވެ.
-
ލެޖިސްލޭޓިވް މަސައްކަތް: ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށްޓަކައި 40 ބިލެއް ރައީސް އޮފީހަށް ފޮނުވާފައިވެއެވެ.
2024 ވަނަ އަހަރު ނިމުނުއިރު، އޭޖީ އޮފީހުގެ އެކި ދާއިރާތަކުގައި ޖުމްލަ 88 މުވައްޒަފުން ދިޔައީ ޚިދުމަތް ކުރަމުންނެވެ.
ދައުލަތުގެ ބައެއް އެހެން މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓުތަކުގައި މާލީ ގަވާއިދުތަކާ ޚިލާފުވުމާއި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތައް ފާހަގަކުރެވެމުންދާ މި ދަނޑިވަޅުގައި، އޭޖީ އޮފީހުގެ މާލީ ރެކޯޑުތައް ސާފުކޮށް އޮތުމަކީ އެ އޮފީހުގެ ހިންގުން ހަރުދަނާކަން ހާމަވާ ކަމެކެވެ.





