ރާއްޖެއަށް ތެލާއި ގޭސް އިމްޕޯޓްކުރުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، އިތުރު ރިޒާވެއް ބޭނުންވެއްޖެ ހާލަތެއްގައި ސިންގަޕޫރުން ވެސް ތެޔޮ ގަނެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ވަޒީރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޝެޑިއުލްކުރެވިފައިވާ ގޮތަށް އޮމާނުން ތެލުގެ ޝިޕްމަންޓްތައް އަންނަމުންދާ ކަމަށެވެ. ހަނގުރާމައިގެ ނުތަނަވަސްކަމާ އެކު، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް "ސްޕޮޓް" މާކެޓުން ނުވަތަ ސިންގަޕޫރު ފަދަ ގައުމުތަކުން ތެޔޮ ގަނެވޭނެ ބެކަޕް ޕްލޭނެއް މިހާރު ވަނީ އެކުލަވާލާފައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި އޮތުމަކީ ކަންބޮޑުވުމެއް ނަމަވެސް، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ބާޒާރުގައި އަގުތައް ހިފެހެއްޓުމެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯގެ އިތުރުން އަމިއްޔަ ފަރާތްތަކުން ވެސް ތެޔޮ އިމްޕޯޓްކުރާތީ، މުޅި މާކެޓަށް ބަލައި އަގުތަކަށް ބަދަލު ގެންނަން ޖެހިދާނެއެވެ.
ސަރުކާރުން އަންނަނީ ތެލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ސަރަހައްދީ ހަމަނުޖެހުންތަކުގެ އަސަރު ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމަށް ނުފޯރާނެ ގޮތަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ތެލުގެ އަގު ހެޔޮވުމާ މެދު ގޮންޖެހުންތަކެއް ހުރި ނަމަވެސް، މާދަމާ މާކެޓް ހުޅުވޭއިރު އަންނަ ބަދަލުތަކަށް ސަރުކާރުން ފާރަވެރިވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.





