މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި ދިޔަވެ އަޑިއަށްގޮސް އޭގެން ދަތުރުކުރި ދިވެއްސަކު ގެއްލިގެން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ރޭ ދަންވަރު 01:25 ހާއިރު ކަމަށެވެ.
މި ހާދިސާ ހިނގިއިރު ބޯޓުގައި ޖުމުލަ 13 މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން އެކަކު ވަނީ ފަތާފައި ގޮސް ލ. އޮޅުވެއްޔަށް އަރާފައެވެ. އެއީ ބިދޭސީއެކެވެ. މީގެ އިތުރުން، ބޯޓުން ދަތުރުކުރި އިތުރު 11 މީހަކު އެ ސަރަހައްދުގެ ރިސޯޓެއްގެ ދޯންޏަކަށް ވަނީ ނަގާފައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ.
މިހާތަނަށް ބޯޓުން ސަލާމަތްކުރެވުނު 12 މީހުންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ބޯޓު އަޑިއަށް ދިއުމާ ގުޅިގެން ބޯޓުގައި ހުރި މުދާތައް ލ. އޮޅުވެލީގެ ހުޅަނގަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.




