އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ހާމަކުރި ގޮތުގައި، އީރާނަށް ދެމުންދާ ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާއިން ނިންމި ނިންމުމަށް އިސްރާއީލުން ތާއީދުކުރެއެވެ. ނަމަވެސް، ދެ ހަފުތާގެ މުއްދަތަށް އިއުލާނުކުރި މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ލުބުނާނަށް ނުހިނގާނެ ކަމަށް އޭނާ ބުންޏެވެ.
ބުދަ ދުވަހު "އެކްސް" މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި ނަތަންޔާހޫ ބުނީ، "އީރާނުގެ ފަރާތުން އެމެރިކާއަށާއި، އިސްރާއީލަށާއި، އީރާނުގެ އަވަށްޓެރި އަރަބި ގައުމުތަކުގެ އިތުރުން މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނިއުކްލިއާ، މިސައިލް އަދި ނިރުބަވެރިކަމުގެ ނުރައްކާތައް ނައްތާލުމަށް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތައް އިސްރާއީލުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި މި ލަނޑުދަނޑިތައް ހާސިލުކުރުމަށް އެމެރިކާއިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އިސްރާއީލަށް ދީފައިވާ ކަމަށްވެސް އޭނާ ބުނެއެވެ. ނަމަވެސް، ދެ ހަފުތާގެ މުއްދަތަށް އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ ތެރޭގައި ލުބުނާން ނުހިމެނޭކަން އޭނާ ތަކުރާރުކޮށް ފާހަގަކުރިއެވެ.
ނަތަންޔާހޫ މިފަދައިން ބުނީ މިވަނީ، އެމެރިކާއާއި އީރާނުގެ އިތުރުން އެ ގައުމުތަކުގެ ބައިވެރިން "ލުބުނާނާއި އެހެނިހެން ސަރަހައްދުތައް ހިމެނޭހެން ހުރިހާ ތަނެއްގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ" ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިއުލާނުކުރައްވާފައި ވަނިކޮށެވެ. ޝަރީފް ވިދާޅުވި ގޮތުގައި މި ނިންމުމަށް ވަގުތުން އަމަލުކުރަން ފެށޭނެއެވެ.
މާޗް މަހުގެ 2 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރެއަށް ލުބުނާން ދަމައިގަނެވުނީ، އީރާނަށް ތާއީދުކުރާ ހިޒްބުالله ޖަމާއަތުން އިސްރާއީލަށް ހަމަލާ ދޭން ފެށުމާ ގުޅިގެންނެވެ. ހިޒްބުالله އިން ބުނާ ގޮތުގައި އެ ޖަމާއަތުން ހަމަލާދޭން ފެށީ ފެބުރުވަރީ 28 ވަނަ ދުވަހު ހަނގުރާމަ ފެށުނު ދުވަހު އީރާނުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް ވި އެއްބަސްވުމާ އިސްރާއީލުން ތަކުރާރުކޮށް ޚިލާފުވަމުންދާތީ އެކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ.




