އެމެރިކާގެ މަސް ވިއްކާ ކުންފުނިތަކާއި އަދި އެހެނިހެން ފަރާތްތަކުން މަސް ގަތުމުގައި ރިއާޔަތްކުރާ މޮންޓަރޭ ބޭ އެކުއޭރިއަމްގެ 'ސީފުޑް ވޮޗް' ޕްރޮގްރާމުން އެންމެ ފަހުން އާންމުކުރި މިންގަނޑުގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ހާއްސަ ރޭޓިންއެއް ކަނޑައަޅައިފި އެވެ.
މިއީ ސީފުޑް ވޮޗްގެ ތާރީހުގައި ވެސް ވަކި ގައުމަކަށް ހާއްސަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންއެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އަލަށް އާންމުކުރި އިރުޝާދުތަކުގައި، ރާއްޖޭގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައި ކަމަށެވެ. އިންޑިއާ ކަނޑުގެ އެކި ސަރަޙައްދުތަކުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަމުގެ ދެމެހެއްޓެނިވިކަމާގުޅޭ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މުޅި ސަރަޙައްދުންވެސް ކަނޑުމަހުގެ ވިޔަފާރީގައި އިޚްތިޔާރުކުރަން އެންމެ ރަނގަޅު ނުވަތަ "ބެސްޓް ޗޮއިސް" ގެ ގޮތުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ވަނީ ރޭޓްކުރެވިފައެވެ. މިއީ ދިވެހި މަސްވެރިންނާއި، މަސް ގަނެ ޕްރޮސެސްކުރާ ފަރާތްތަކާއި، ސަރުކާރުން ގިނަ އަހަރުތަކެއް ވަންދެން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ނަތީޖާއެވެ.
މިކަމާ ގުޅިގެން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މިއީ ދިވެހިރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެއް ކަމަށާއި، "ސީފުޑް ވޮޗް" އިން ވަކި ޤައުމަކަށް ހާއްޞަކޮށް ދޭ ރޭޓިންގްއެއް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމަކީ، ދެމެހެއްޓެނިވިކަމާއި ޒިންމާދާރުކަމުގެ މައްޗަށް ބިނާވެފައިވާ ރާއްޖޭގެ މަސްވެރިކަމުގެ މޮޑެލް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެފައިވާކަމުގެ ހެއްކެއްކަމަށެވެ. އަދި މިއީ އިގްތިސާދު ބިނާކުރުމާއި ކަނޑުފަޅުތައް ރައްކާތެރިކުރުމުގައި ދިވެހި މަސްވެރިން ކުރަމުން އަންނަ މަސައްކަތުގެ ފޮނި ނަތީޖާކަމުގައި ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.



