އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް 2026 އޭޕްރީލް 6 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ހާއްސަ ތަހުގީގު ޓީމެއް ހާދިސާ ހިނގި ރަށުގައި މިހާރު ދަނީ ހަރަކާތެރިވަމުންނެވެ.
އެ ހާދިސާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ތަފާތު ވާހަކަތަކެއް ފެތުރެމުންދާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، ހަގީގަތާ ހިލާފު ވާހަކަތަކާއި، ކަން ހިނގައިދިޔަ ގޮތް އޮޅޭ ފަދަ ނުވަތަ ކަންބޮޑުވުން އިތުރުވާ ފަދަ މައުލޫމާތުތައް ނުފެތުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
އެ މައްސަލައިގައި ހިމެނޭ އަނިޔާ ލިބުނު ފަރާތަކީ ކުޑަކުއްޖަކަށް ވުމާއެކު، އެ ކުއްޖާގެ ޒާތީ މައުލޫމާތު ހިފެހެއްޓުމަށާއި، ކުއްޖާގެ ކަރާމާތާއި ހައްގުތަކަށް އިހުތިރާމްކުރުމަށް ހާއްސަ ސަމާލުކަން ދިނުމަށް ފުލުހުން އެދެއެވެ.
އެގޮތުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ކުއްޖާ އަކީ ކާކުކަން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ އިތުރު ގެއްލުމެއް ލިބިދާނެ ފަދަ އެއްވެސް އެއްޗެއް ހިއްސާނުކުރުމަށް އަންގާފައިވެއެވެ.





