ފެނަކަ ކޯޕަރޭޝަނުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) މުހައްމަދު އާރިފް އާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދު މިއަދު މަގާމުން ވަކިކޮށްފިއެވެ.
ފެނަކައިގެ ސީއެފްއޯގެ މަގާމުން ވަކިކުރި މުހައްމަދު ޖިހާދަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އެ މަގާމަށް އައްޔަންކުރި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުރި އަބްދުﷲ ވަހީދު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.
މީގެ އިތުރުން، މިއަދު މަގާމުން ވަކިކުރި ޑީއެމްޑީ މުހައްމަދު އާރިފް އެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އާރިފް އެ މަގާމަށް އައްޔަންކުރީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި ހުސެއިން ޒުހުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވުމުންނެވެ.
މިއީ ފާއިތުވި ދެ ދުވަހުގެ ތެރޭގައި ފެނަކައިގެ އިސް ސަފުން މަގާމުން ވަކިކުރި ތިންވަނަ ބޭފުޅާއެވެ. އެގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހު ވެސް އިއްޔެ ވަނީ މަގާމުން ވަކިކޮށްފައެވެ.
ފެނަކައިގެ ހިންގުމުގެ އިސް ސަފަށް މި ބޮޑު ބަދަލުތައް އައިސްފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ބެލެވެއެވެ. ނަމަވެސް މި ބަދަލުތަކާ ގުޅޭގޮތުން ފެނަކައިން ރަސްމީކޮށް ވަކި އެއްޗެއް އަދި ހާމަކޮށްފައެއް ނުވެއެވެ.





