ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުޙައްމަދު ނަޖާޙް މިއަދު އެ މަޤާމުން ވަކިކޮށްފިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި އެ ކުންފުނީގެ ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙް މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ނަޖާޙު ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެ މަޤާމުން އޭނާ ވަކިކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.
މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާއަކީ ލޮޖިސްޓިކްސް މެނޭޖުމަންޓުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވައިގެން ހުންނެވި ތަޖުރިބާކާރު ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.




