ދުވުމަށް ބޭނުންކުރާ ބޫޓު ބަދަލުކުރަންވީ ކޮން އިރަކު ހެއްޔެވެ؟ މިއީ ގަވާއިދުން ދުވާ ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. ރަނގަޅު، ފަސޭހަ ބޫޓެއް ލިބުމުން އެއާ ވަކިވުމަކީ ދަތި ކަމަކަށް ވެސް ވެދާނެއެވެ. ނަމަވެސް، ބޫޓު ބަދަލުކުރަންވީ ވަގުތު ދެނެގަތުމަކީ ހަށިގަނޑަށް ލިބިދާނެ އަނިޔާއަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
އާންމުކޮށް ކަނޑައެޅިފައި އޮންނަ އުސޫލަކީ 300 އާއި 500 މޭލު ދުވުމަށްފަހު ބޫޓު ބަދަލުކުރުމެވެ. އެކަމަކު މިއީ ކޮންމެ މީހަކަށް އެއް މިންގަނޑަކުން މިންކުރެވޭނެ އަދަދެއް ނޫނެވެ. އިންޑިއާނާ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސަރު އެލިސަން ގްރޫބާ ވިދާޅުވާ ގޮތުގައި، ބޫޓު ބަދަލުކުރަންވާނީ އެ ބޫޓެއްގައި ދުވުމުން އުނދަގޫތަކެއް އިހުސާސްވާން ފެށުމުގެ ކުރިންނެވެ.
ބޫޓު ބާވުމަށް މެދުވެރިވާ ސަބަބުތައް ގިނައެވެ. މީގެ ތެރޭގައި ދުވާ މީހާގެ ބަރުދަނާއި، ދުވުމަށް ބޭނުންކުރާ މަގުގެ ފެންވަރާއި، މާހައުލުގެ ފިނިހޫނުމިން ހިމެނެއެވެ. އަދި ދުވުމުގެ އިތުރުން ޖިމަށް ދިއުމަށާއި އެހެނިހެން ކަންކަމަށް އެ ބޫޓު ބޭނުންކުރާނަމަ، ބޫޓުގެ ފެންވަރު އަވަހަށް ދަށަށްދާނެއެވެ. މީގެ އިތުރުން، ފަހުގެ "ސުޕަ ޝޫޒް" ތަކަކީ ބަރުދަން ލުއިކުރުމަށް ހާއްސަ "ފޯމް" އެއް ބޭނުންކޮށްފައިވާ ބޫޓުތަކަކަށް ވާތީ، އާދައިގެ ބޫޓުތަކަށްވުރެ އަވަހަށް އެ ބޫޓުތަކުގެ ބާރު ކެނޑެއެވެ.
ބާ ބޫޓެއްގައި ދުވުމަކީ ފައިގެ ބައެއް ހިސާބުތަކަށް ޕްރެޝަރު ބޮޑުވެ، ދުވާ ގޮތަށް ބަދަލު އައުމަށް މެދުވެރިވާ ކަމެކެވެ. މިކަމުގެ ސަބަބުން ކަކުލަށާއި ފަޔަށް އަނިޔާވުމުގެ ފުރުސަތު ބޮޑުވެއެވެ.
ބޫޓު ބަދަލުކުރަންވީކަން އަންގައިދޭ ބައެއް ނިޝާންތަކަކީ:
-
ބޫޓުގެ ބޭރު ފުށުން ފެންނަ ބާވުމާއި ކެނޑުންތައް.
-
ބޫޓުގެ އަޑީގެ "ފޯމް" ލޭޔަރު ރޮނގުޖެހި، ފިތިފައި ހުރުން.
-
ދުވާއިރު ކުރިން ހުންނަ "ބައުންސީ" ނުވަތަ މަޑު ގޮތް ކެނޑި، ބޫޓު "މަރުވެފައި" ހުރިހެން ހީވުން.
-
ފައިގެ ބައެއް ހިސާބުތަކުގައި ރިހުން އުފެދުން.
ބޫޓު ބަދަލުކުރަންވީތޯ ޔަގީންނުވާނަމަ، ހަމަ އެ މަރުކާގެ އާ ބޫޓަކަށް އަރާލައިގެން ތަފާތު ބަލާލެވިދާނެއެވެ. ނުވަތަ ކުޅިވަރު ސާމާނު ވިއްކާ ހާއްސަ ފިހާރައެއްގެ އެހީތެރިކަން ހޯދިދާނެއެވެ. ފިިޒިކަލް ތެރަޕިސްޓެއް ކަމަށްވާ ބްރެންޑަން މާޓިން ބުނާ ގޮތުގައި، ބޫޓު ބާވުމަކީ ބޯކޮށަންވީކަން އެނގޭ އުސޫލުން ވާކަމެކެވެ. ލޯގަނޑުން ކޮންމެ ދުވަހަކު ފެންނާތީ އިސްތަށިގަނޑު ދިގުވިކަން ނޭނގުނަސް، އެހެން މީހަކު ބުނުމުން ނުވަތަ ތަފާތު ފެނުމުން އެކަން ޔަގީންވާނެއެވެ.





