ކުރީގެ ސަރުކާރުން ނަގާފައިވާ ބޮޑު ސުކޫކަށް ދައްކަންޖެހޭ ފައިސާ، އިތުރު ދަރަންޏެއް ނުނަގައި މި ސަރުކާރުން ދެއްކުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 8 ބިލިއަން ރުފިޔާ)، ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އިއްޔެ ދެއްކުމާ ގުޅިގެންނެވެ. މީގެ ކުރިން މި ދަރަނި ދެއްކޭނެ ކަމާ މެދު އިދިކޮޅު ފަރާތްތަކުންނާއި ބައެއް މާލީ އިދާރާތަކުން ވަނީ ޝައްކު އުފައްދާފައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބޮޑު ދަރަނި އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ މާލީ ސިޔާސަތުގެ ދަށުން، އެސްޑީއެފް ފަންޑަށް އަލުން ބޭރު ފައިސާ ޖަމާކުރަން ފެށުމުގެ ނަތީޖާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިދިޔަ މާޗު މަސް ނިމުނުއިރު، ދައުލަތުގެ ރިޒާވް ވަނީ 1.3 ބިލިއަން ޑޮލަރަށް އުފުލިފައެވެ. އަދި އެސްޑީއެފް ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އާ ދަރަނި ނުނަގައި މި ފައިސާ ދެއްކުމަކީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެ، ދަރަނި ހުރި މިންވަރު ޖީޑީޕީގެ ނިސްބަތުން ދަށްވެގެންދާނެ ކަމެއް ކަމަށެވެ. މީގެ ކުރިން 2021 ގައި މި ސުކޫކު ނަގާފައިވަނީ އޭގެ ކުރީގެ ބޮންޑެއް ދެއްކުމަށްޓަކައި، ދަރަނި އަދާކުރާނެ ސާފު ޕްލޭނެއް ނެތި ބޮޑު އިންޓްރެސްޓެއްގައެވެ.





