ހދ. ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އަޅައިފިއެވެ.
މި މަޝްރޫޢުގެ ޑިވެލޮޕަރަކީ ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. މި މަސައްކަތް ފައްޓަވާދެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ.
މިނިސްޓަރުގެ އަރިހުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރިޓަޔާރޑް) އަލީ ޒުހައިރު، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާވޫދު، ކުޅުދުއްފުށި ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ފަރުހަތު މުހައްމަދު އަދި ޓީމްވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑްގެ ޑިޒައިން ޑިރެކްޓަރ ބަޝީރު އަހްމަދު އުރަފާ ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ، ޑިޒައިނިންގ އަދި އިންޖިނިއަރިންގ ދާއިރާގައި 30 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށްވާ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، މި މަޝްރޫޢަކީ މިރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދައިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރާނެއެވެ. އަދި އިމާރާތް ކުރާ 3 ކޮޓަރީގެ އެޕާޓްމެންޓުތަކަކީ، 900 އަކަފޫޓުގެ ޖާގަ ތަނަވަސް، ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަންތަނެވެ. މީގެ ތެރޭގައި މިކްސް ރެސިޑެންޝަލް އިމާރާތްތަކުގައި ހިމެނޭ 1856 ފްލެޓާއި، އަމިއްލަ ގެދޮރު ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.





