ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ހާއްސަ އެއްބަސްވުމެއްގެ ދަށުން، އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ދީފައިވާ މުއްދަތު ރާއްޖޭން އެދިގެން އަނެއްކާވެސް އިތުރުކޮށްދީފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފި އެވެ.
އިންޑިއަން ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހި ސަރުކާރުގެ އެދުމުގެ މަތިން މިއަހަރާއި އަންނަ އަހަރަށް ބޭނުންވާ ޒަރޫރީ ކާބޯތަކެއްޗާއި، އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއަށް ބޭރު ކުރުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ.
ހުއްދަ ދީފައިވާ ތަކެތީގެ ތެރޭގައި ކުކުޅު ބިހާއި، އަލުވި، ފިޔާ، ހަނޑޫ، ގޮދަން ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ހިމެނޭ ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.
މި ހުއްދަ ދިފައިވަނީ، ދެ ގައުމުގެ ދެމެދުގައި އޮންނަ ހާއްސަ އެއްބަސްވުމެއްގެ ދަށުން ދިވެހި ސަރުކާރުން ހުށަހެޅި މިންވަރަށް ބެލުމަށްފަހު ހުއްދަ ދޫކޮށްފައިވާ ތަކެއްޗަށެވެ.
މިހާރު ހުއްދަ ދީފައިވާ ކޯޓާގެ މިންވަރަކީ، 1981 ވަނަ އަހަރު މި އިންތިޒާމު ހަމަޖެހުނު ފަހުން މިހާތަނަށް ދިން އެންމެ މަތީ މިންވަރު ކަމަށް އެ ބަޔާނުގައި ބުނެއެވެ. ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް ބޭނުންވާ ހިލައާއި، ހިލަވެލީގެ އިތުރުން މި އަހަރު ހަނޑުލުގެ ކޯޓާ ވަނީ ކުރީ އަހަރާ އަޅާބަލާއިރު %77 އިތުރު ކޮށްދީފައެވެ.
މީގެ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި މި ތަކެތި ބޭރު ކުރުމަށް އިންޑިއާއިން އަޅާ އެއްވެސް ހުރަހެއް ނުވަތަ މަނާ ކުރުމެއް މިކަމަށް ނުހިނގާނެ ކަމަށް ހައިކޮމިޝަންގެ ބަޔާނުގައި ބުނެއެވެ.
އަދި މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން، ރާއްޖޭގެ އިންސާނީ ވަސީލަތްތަކާއި ތަރައްގީއަށް އެއްބާރުލުން ދިނުމަށް އިންޑިއާއިން ގެންގުޅޭ ދެމެހެއްޓެނިވި ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ.
އަވައްޓެރި އިންޑިއާއަކީ، ރާއްޖެއަށް އެންމެ ބޮޑަށް އެހީ ފޯރުކޮށްދޭ ޤައުމެވެ.





