ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަމިއްލަ އުފެއްދުމެއްކަން އަންގައިދޭ ލޯގޯ، "ޝާމިލް ލޯގޯ" ބޭނުންކުރުމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ޝާމިލް ލޯގޯއަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓުކުރުމަށް އެފަރާތްތަކުގެ އުފެއްފުންތަކުގައި ބޭނުންކުރުމަށް ޚާއްސަކޮށް އުފައްދާފައިވާ ލޯގޯއެކެވެ.
އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި ލޯގޯގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އުފެއްދުންތެރިކަމާއި، ކަންކަމުގައި އެފަރާތްތަކުގެ ހިއްސާ ރަމްޒުކޮށްދޭ "ބްރޭންޑް އައިޑެންޓިޓީއެއް" ޤާއިމްކުރުމެވެ. ހަމައެހެންމެ، މި ލޯގޯއަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހިންގާ ކުދި ވިޔަފާރިތަކަށް އެހީތެރިވެދޭ، އެފަރާތްތައް މުޖުތަމަޢުގައި ޝާމިލުކޮށް، ބާރުވެރިކުރުވާ ޤައުމީ ނިޝާނަކަށް ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން، މި ލޯގޯގެ މަޤްޞަދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރާނެ މަންސައެއް ޤާއިމުކުރުމާއި، އެފަރާތްތަކުގެ އުފެއްދުންތެރި މަސައްކަތްތަކާ މެދު އާންމުންގެ މެދުގައި މަޤުބޫލުކަން އިތުރުކުރުން ހިމެނެއެވެ. އިޖުތިމާޢީ ވުޒާރާއިން ބުނީ އެ ވުޒާރާގެ އުންމީދަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުފެއްދުންތަކުގައި މި ޚާއްޞަ ލޯގޯ ބޭނުންކުރުމުން، އެފަރާތްތަކުގެ ވިޔަފާރިތައް ކުރިއަރައި، މުޖުތަމަޢުގައި އެފަރާތްތައް އިތުރަށް ބާރުވެރިވެގެން ދިއުން ކަމަށެވެ.
އެ ވުޒާރާއިން ބުނީ އަމިއްލަ އުފެއްދުމެއް ކަމަށް ބަލާ މިންގަނޑަކީ، އެ ތަކެތި އުފެއްދުމަށް ބޭނުންކުރާ ސާމާނުގެ މަދުވެގެން 30 އިންސައްތައަކީ ދިވެހިރާއްޖޭގައި އުފައްދާފައިވާ ނުވަތަ ރާއްޖެއިން ލިބެންހުރި ތަކެތި ކަމުގައިވުން ކަމަށެވެ.
ޝާމިލް ލޯގޯއަށް އެދި ހުށަހަޅާ ފޯމު ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ވެބްސައިޓުން ޑައުންލޯޑްކޮށްލެވޭނެއެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު، ބީސީސީއިން މިކަމަށް ކަނޑައަޅާފައިވާ މެއިލް އެޑްރެސް shamil@bcc.mv އަށް ނުވަތަ އެ އޮފީހަށް ހާޒިރުވެ ފޯމު ހުށަހެޅޭނެވެ.





