މަރުކަޒީ ބޭންކް އެމްއެމްއޭގެ އެފޯޑެބަލް ހައުސިން ސްކީމްގައި ހިމެނޭ ދެވަނަ މޮޑެލް އެންޑް ޔޫސާ ފައިނޭންސްގެ ދަށުން 2،000 ފްލެޓް އަޅަން ހަތް ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 364 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، އެމްއެެމްއޭއިން އިންކްލޫސިވް އެފޯޑަބަލް ހައުސިން ސްކީމުގެ ދަށުން ރާއްޖޭގައި ހިންގާ ބޭންކުތަކަށް އެ ބޭންކުތަކުގެ ޕޯޓްފޯލިއޯގެ ތެރެއިން 5 އިންސައްތަ ޕްރޮފިޓު ރޭޓުގައި ބޯހިޔާވަހިކަން ދޭންޖެހޭގޮތަށް އުސޫލަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓުތަކަކީ ދިވެހި ކޮންމެ ރައްޔިތަކީ ބޯހިޔާވަހިކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހަސިލްކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި ބޯހިޔާވަހިކަމަކީ އެކަމަށް އެންމެ ހައްލެއް އޮންނަ ކަމެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މުޖުތަމައުގެ އެކި ގިންތިތަކަށާއި އެކި ފަންތިތަކަށް ދިމާވެފައިވަނީ އެކި ކަހަލަ ބޯހިޔާވަހިކަމުގެ މައްސަލަތައް ކަމަށެވެ.
"އެ ފަރާތްތަކަށް ބޭނުންވަނީ އެކި ކަހަލަ ހައްލުތަކެއް. ބައެއް އާއިލާތަަކަކީ ވަރަށް ހާލުގައި ދިރިއުޅޭ އަދި މިހާރުން މިހާރަަށް ބޯހިޔާވަހިކަން ބޭނުންވާ އާއިލާތަކެއް. ބައެއް އާއިލާތަކަކީ ރިއަލް އެސްޓޭޓްގެ ފްލެޓުތައް އަގުބޮޑުކަމުން ފްލެޓް ނުގަނެވިފައިވާ ފަރާތްތަކެއް. އެހެންވެ މި ސަރުކާރުން ބޯހިޔާވަހިކަމުގެ ތަފާތު މޮޑެލްތައް ގެނެސް މި މައްސަލައަށް ޖުމްލަ ހައްލެއް ގެނެސްދެވޭތޯ މަސައްކަތް ކުރަމުންމިދަނީ." މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިއަދު ބިންގާ އެޅިގެންދިޔައީ ސަރުކާރުން ކުރިއަށްގެންދާ 7900 ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެއް ކަމަށެވެ.





