މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރެފައިވާ ރަން ދިހަ ފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 10ރ. ގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ގެނެސްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
މަރުކަޒީ ބޭންކުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އިޤުތިޞާދުގައި ނަގުދު ފައިސާ އަށް އަލަށް އުފެދޭ ޑިމާންޑަށާއި އެ އޮތޯރިޓީއަށް ލިބޭ ނޫޓުގެ ތެރެއިން ބައުވެ ހަލާކުވެގެން ނަގާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށް، ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިއަދު ގެނެސްފައިވާ 10ރ. ގެ ނޫޓު 1 އެޕްރީލް 2026 އިން ފެށިގެން ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާުޕުކޮށްގެން ނެރޭ 10ރ. ގެ ނޫޓުގައި ސޮއިކުރައްވާފައިވަނީ ގަވަރުނަރު އަޙްމަދު މުނައްވަރު ކަމަށާއި، މި ނޫޓުގައިވާ ތާރީޚަކީ 31 ޖުލައި 2025، 6 ޞަފަރު 1447 ކަމަށެވެ.
އަދި 10ރ. ގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށާއި، މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން ނެރޭ 10ރ. ގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 10ރ. ގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށެވެ.





