ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފިއެވެ.
މެދުއިރުމަތީގެ މަސްރަޙަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މީގެ ސަބަބުން ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ވިޔަފާރިތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް، ފަތުރުވެރިކަމާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާ އެކު ބޭއްވުނު ބައްދަލުވުމެއްގައި ސަރުކާރާ ވަނީ ހިއްސާކޮށްފައެވެ.
މި ޙާލަތާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ވަޒީރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާޙީމް ވިދާޅުވީ، ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް މާލީ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެގޮތުން، ބީއެމްއެލް މެދުވެރިކޮށް މިހާރު ދެމުންދާ ޚިދުމަތްތަކުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއަށް ދެވޭނެ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.




