އީރާނުގެ ތެޔޮ "އަތުލައިގަންނަން" ބޭނުންފުޅުވާ ކަމަށާއި، އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްގް އައިލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ދަ ފައިނޭންޝަލް ޓައިމްސް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިކަން އަޅާކިޔުއްވާފައިވަނީ ވެނެޒުއޭލާއާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތާއެވެ. ޖެނުއަރީ މަހު ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމަށްފަހު، އެ ގައުމުގެ ތެޔޮ އިންޑަސްޓްރީ "ދާއިމީ ގޮތަކަށް" ކޮންޓްރޯލް ކުރުމަކީ އެމެރިކާާގެ އަމާޒެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ތެދަށް ބުނާނަމަ، އަޅުގަނޑު އެންމެ ބޭނުންވަނީ އީރާނުގެ ތެޔޮ އަތުލަން. އެކަމަކު އެމެރިކާގައި ތިބި ބައެއް މޮޔަ މީހުން ސުވާލުކުރަނީ ތިހެން ތިޔަ ހަދަނީ ކީއްވެހޭ؟ އެކަމަކު އެއީ ހަމަ މޮޔައިން،" ޓްރަމްޕް ވިދާޅުވިއެވެ.
"ބައެއް ފަހަރު އަޅުގަނޑުމެން ޚާރްގް އައިލެންޑް އަތުލައިގަނެފާނަން، އަނެއްބައި ފަހަރު ނުވެސް ނަގައިފާނަން. އަޅުގަނޑުމެންގެ އަތުގައި ވަރަށް ގިނަ ގޮތްގޮތް އެބަހުރި،" ޓްރަމްޕް ވިދާޅުވިއެވެ. "އެކަން ކޮށްފިނަމަ، އޭގެ މާނައަކީ އަޅުގަނޑުމެން ޚާރްގް އައިލެންޑްގައި ދުވަސްކޮޅަކު މަޑުކުރަން ޖެހޭނެއޭ."
ޚާރްގް އައިލެންޑްގެ ދިފާއީ ނިޒާމާ ބެހޭގޮތުން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، "ހިއެއްނުވޭ އެތަނުގައި އެއްވެސް ދިފާއީ ނިޒާމެއް އޮތްހެނެއް. އަޅުގަނޑުމެންނަށް ވަރަށް ފަސޭހައިން އެތަން އަތުލައިގަނެވިދާނެ."




