އެމެރިކާއިން އުޅެނީ "މަޝްވަރާކުރާކަމަށް ދައްކައި ސިއްރިއްޔާތުގައި އެއްގަމު މަގުން ހަމަލާއެއް ދިނުމަށް" ކަމަށް އީރާނުގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.
އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އެމެރިކާގެ އެއްގަމު ސިފައިން އަތުވެދާނެ ކަމަށް އީރާނުގެ އަސްކަރިއްޔާ އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
އީރާނުގެ ރަސްމީ ނިއުސް އެޖެންސީ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގާލީބާފް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު މަޝްވަރާކުރަން ބޭނުންފުޅުވާ ކަމަށް ވިދާޅުވަމުން، އަނެއްކޮޅުން ސިއްރިއްޔާތުގައި އެއްގަމު މަގުން ހަމަލާއެއް ދިނުމަށް ރާވަމުންދާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.
އޭނާ ވިދާޅުވި ގޮތުގައި "ދުޝްމަނުން ފާޅުގައި މަޝްވަރާގެ މެސެޖުތައް ފޮނުވަމުންދާއިރު، ސިއްރިއްޔާތުގައި ދަނީ އެއްގަމު މަގުން ހަމަލާއެއް ދިނުމަށް ރާވަމުންނެވެ." އަދި "އެމެރިކާގެ ސިފައިން އެއްގަމު މަގުން އަންނާނެ ވަގުތަކަށް އަޅުގަނޑުމެންގެ ސިފައިން ތިބީ އިންތިޒާރުގައެވެ. އެމީހުން އަތުވެއްޖެނަމަ އަޅުގަނޑުމެން އެމީހުން އަންދާލާނަމެވެ."
މިއަދުގެ ކުރީކޮޅު އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕެންޓަގަންއިން ދަނީ އީރާނުގައި ހަފުތާތަކަކަށް ދެމިގެންދާނެ އެއްގަމު މަގުގެ އަސްކަރީ އޮޕަރޭޝަނަކަށް ތައްޔާރުވަމުންނެވެ. މި ޚަބަރުތައް ފެންމަތިވެފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ "31 ވަނަ މެރިން އެކްސްޕެޑިޝަނަރީ ޔުނިޓް" އަށް ނިސްބަތްވާ 3،500 ސިފައިން މެދުއިރުމައްޗަށް އަތުވެއްޖެކަން އެމެރިކާއިން އިޢުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ.





