މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މުސްލިމުންގެ މެދުގައި އުފެދިފައިވާ މަޒުހަބީ ބަހުސްތަކުގެ ތެރެއަށް ދިވެހި މުޖުތަމައު ވެއްޓިގެން ދިއުމުގެ ފުރުސަތު ނުދިނުމަށް، ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބުރާސްފަތި ދުވަހު އިލްތިމާސްކުރައްވައިފިއެވެ.
މި އިލްތިމާސް އައިސްފައިވަނީ، އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާތަކެއްގައި އެ ގައުމުގެ އެންމެ މަތީ ދީނީ ލީޑަރު އަލީ ހާމަނާއީ އަވަހާރަވުމާ ގުޅިގެން، ސުންނީ އަދި ޝީއީ މަޒުހަބާ މެދު ރާއްޖޭގެ ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
"ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމައު ބައިބައިކޮށްލުމަށް ދުޝްމަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ސަމާލުވާންޖެހޭ،" މިނިސްޓްރީގެ މީޑިއާ ގްރޫޕެއްގައި ޝަހީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ދިވެހިންނަކީ އެތައް ގަރުނެއް ވަންދެން ސުންނީ ޖަމާއަތުގެ ސައްހަ އަގީދާގައި ސާބިތުވެ ތިބި ބައެއް ކަމަށާއި، އެ އެއްބައިވަންތަކަމަށް ލޮޅުން އަރާނެ އެއްވެސް ކަމަކަށް ޖާގަ ނުދިނުމަށެވެ.
މި ބަހުސް އިތުރަށް ހޫނުވީ ރާއްޖޭގެ ދީނީ އިލްމުވެރިއެއް ކަމަށްވާ އަހުމަދު ސަމީރު، އީރާނުގެ ލީޑަރުންނަކީ ސަހާބީންނަށް ބަދުބަސް ބުނާ ބާތިލް އަގީދާގެ ބައެއް ކަމަށް ބުނެ ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. މިއާ ހިލާފަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ސުންނީ ނުވަތަ ޝީއީ މުސްލިމެކޭ ކިޔައިގެން ބައިބައިކުރަނީ މުސްލިމުންގެ ހަތުރުން ކަމަށާއި، އެ އެންމެންނަކީ ވެސް މުސްލިމުން ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ވަނީ ދީނީ ފިރުގާތަކާ ގުޅޭ ހައްސާސީ ވާހަކަތައް ދެއްކުމުގައި އެކަމުގެ އިލްމު ލިބިގެންވާ އިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށް ނަސޭހަތްތެރިވެފައެވެ.
ރާއްޖެއަކީ ސުންނީ މުސްލިމް ގައުމަކަށް ވީ ނަމަވެސް، ބައިނަލްއަގުވާމީ ސިޔާސީ ބަދަލުތަކުގެ އަސަރު ރާއްޖޭގެ ދީނީ ފިކުރަށް ފޯރުމަކީ ސަރުކާރުން އަބަދުވެސް ކަންބޮޑުވާ މައްސަލައެކެވެ.




