މަޝްވަރާކޮށްގެން ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓްރަމްޕް ކުރެއްވި ދަޢުވާ އީރާނުން ދޮގުކުރުމާ ގުޅިގެން، މަސްރަޙު ފިނިވުމުގެ އުންމީދު ކުޑަވެ، ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެ.
ބައިނަލްއަޤުވާމީ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު ބުރާސްފަތި ދުވަހު ގާތްގަނޑަކަށް 2 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ބައެއް ވަގުތުތަކުގައި ފީފާއެއްގެ އަގު 104 ޑޮލަރަށްވުރެ މައްޗަށް އެރިއެވެ.
ތެލުގެ އަގަށް މި ބަދަލު އައިސްފައިވަނީ، ހަނގުރާމަ ހުއްޓާލުމަށްޓަކައި 15 ނުކުތާގެ މައްޗަށް އެކުލެވޭ ރޭވުމެއް ޓްރަމްޕް ހުށަހަޅުއްވާފައިވާ ކަމަށް ފެތުރުނު ޚަބަރުތަކާ ގުޅިގެން ބުދަ ދުވަހު އަގުތައް ކުޑަކޮށް ދަށަށް ދިއުމަށްފަހުގައެވެ.
ހަނގުރާމަ ފެށުނު ފަހުން ތެލުގެ އަގު މިހާތަނަށް 40 އިންސައްތައަށްވުރެ ބޮޑަށް ވަނީ އުފުލިފައެވެ. މީގެ މައިގަނޑު ސަބަބަކީ ހޮރްމޫޒް ކަނޑުއޮޅިން މުދާ އުފުލުމަށް ކުރާ ދަތުރުތަކަށް ބުރޫއެރުމެވެ.
މީގެ އިތުރުން، ބުރާސްފަތި ދުވަހު އޭޝިއާގެ ހިއްސާގެ ބާޒާރުތައް ހުޅުވުނުއިރު އަގުތައް ހުރީ ދަށުގައެވެ. އެގޮތުން ޖަޕާނުގެ ނިކޭ 225، ދެކުނު ކޮރެއާގެ ކޮސްޕީ އަދި ހޮންކޮންގުގެ ހޭންގް ސެންގް އިންޑެކްސްގެ އަގުތައް ވެސް ވަނީ ދަށަށް ގޮސްފައެވެ.




