ހައިކޯޓާއި ފެމިލީ ކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ ހައިކޯޓާއި ފެމިލީ ކޯޓަށް ޢައްޔަންކޮށްފައިވާ، އެ ކޯޓުތަކުގައި މަސައްކަތް ކުރަމުންދާ ފަނޑިޔާރުންނަށް ހުޅުވާލެވިފައިވާ ފުރުޞަތެއް ކަމަށެވެ.
ފެމިލީ ކޯޓުގެ އިސް ޤާޟީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 39،700ރ. އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 18،000ރ. އާއި، ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. އަދި ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 1،000ރ. ލިބޭނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެލްތު އިންޝުއަރެންސް ވެސް ލިބޭނެއެވެ.
އަދި ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 47،700ރ. އާއި، ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 18،000ރ. އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބޭނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވަންސާއި ހެލްތު އިންޝުއަރެންސް ވެސް ލިބޭނެއެވެ.
ޖޭއެސްސީން ވަނީ ހައިކޯޓާއި ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން މާރިޗު 31 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް އެ ކޮމިޝަންގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް އެދިފައެވެ.




