އަތޮޅު ކައުންސިލްތައް އުވާލި ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްވެސް ބުރުލެއް ނާރާނެހެން މަސައްކަތްތައް ތަރުތީބުކުރައްވާނެ ކަމަށް ލޯކަލް ގަވަަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، އެ އިދާރާތަކުގެ ބަދަލުގައި ދެން ގާއިމުކުރާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ގޮފިތަކެއް ކަމަށެވެ. މި ބަދަލާއެކުވެސް އަތޮޅު އޮފީސްތަކުން މިހާރު ދެމުންދާ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މީގެ އިތުރުން، މި އިސްލާހީ ބަދަލުގެ ސަބަބުން މުވައްޒަފުންގެ ވަޒީފާތަކަށް އެއްވެސް ނުރައްކަލެއް ނެތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އައިޑީ ކާޑު ހެއްދުން ފަދަ ރައްޔިތުންނާ ގުޅުންހުރި ހުރިހާ ޚިދުމަތްތަކެއް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި އަތޮޅު އޮފީސްތަކުގެ ހުރިހާ ވަސީލަތްތަކާއި މުދަލެއް އަލަށް އުފައްދާ އޮފީސްތަކަށް ބަދަލުކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ބަދަލުގެ ސަބަބުން ރަށްރަށާއި އަތޮޅުތަކަށް ލިބޭ ހިދުމަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. އަދި މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުން އަތޮޅުތަކަށް ލިބެމުންދާ އާމްދަނީވެސް، ކަނޑައެޅިފައިވާ އުސޫލުގެ ދަށުން މެދުކެނޑުމެއްނެތި ލިބެމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




