ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން މީހަކު ހުއްޓުވައި ބަލައިފާސްކޮށް، ޖޫރިމަނާކޮށްފިއެވެ.
އޭނާ ބަލައިފާސްކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
ކްރައިމް އިންޓެލިޖެންސާއި ހުޅުމާލެ ފޭސް 1 ގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މި މާރިޗު މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 ގެ ޗަނބޭލީ މަގުން ދެމީހަކު ހުއްޓުވައި ބަލައިފާސްކުރިއިރު އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕްއާއި 571 ވޭޕް ކާޓްރިޖު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި އޭނާވަނީ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




