އިސްލާމީ އުންމަތުގެ މެދުގައި އުފެދިފައިވާ މަޒުހަބީ ތަފާތުކުރުންތަކަކީ މުސްލިމުންގެ އެއްބައިވަންތަކަން ގެއްލުވައިލުމަށް ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ސިފަކުރައްވައިފިއެވެ.
ރޭ "އެކްސް" މެދުވެރިކުރައްވައި ކުރެއްވި ޕޯސްޓުތަކެއްގައި، ރާއްޖޭގެ ދީނީ އަދި ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ލީޑަރު ވިދާޅުވީ، ސުންނީ ނުވަތަ ޝީއާ ފަދަ ލޭބަލްތައް ބޭނުންކޮށްގެން މުސްލިމުން ބައިބައިކުރުމަކީ އިސްލާމީ ދީނުގެ އަދުއްވުންގެ ރޭވުމެއް ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސުންނީ، ޝީއާ ނުވަތަ ސަލަފީ މަޒުހަބަށް ތަބާވީ ނަމަވެސް، އެ އެންމެންނަކީ ވެސް މުސްލިމުންނެވެ.
"ޖަދަލުކޮށް، އެކަކު އަނެކަކު ކުށްވެރިކޮށް، ކާފިރުކުރުމަކީ ރަހުމަތުގެ ދީނުގެ ސިފައެއް ނޫން،" އިސްލާމީ އިލްމުގެ ދާއިރާއިން މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ މައުމޫން ވިދާޅުވިއެވެ.
މި ބަހުސް އަލުން ތިލަވެފައި މިވަނީ، މެދުއިރުމަތީގެ މަސްރަހަށް އައި ބޮޑު ބަދަލަކާ ގުޅިގެންނެވެ. އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އީރާނުގެ އެންމެ އިސް ލީޑަރު އަލީ ޚާމަނައީ އަވަހާރަވުމާ ގުޅިގެން، ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އާންމުންގެ މެދުގައި ޝީއާ މަޒުހަބާ މެދު އޮތް ޚިޔާލުތަފާތުވުންތައް ވަނީ ބޮޑުވެފައެވެ.
މި މައުޟޫއުގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަހުމަދު ސަމީރު ވަނީ ސޯޝަލް މީޑިއާގައި ވަރުގަދަ ބަޔާނެއް ވެސް ނެރުއްވައިފައެވެ. ސަމީރު ތުހުމަތުކުރެއްވި ގޮތުގައި، އީރާނުގެ ކުރީގެ ލީޑަރު ޚުމައިނީ އާއި އަވަހާރަވި ޚާމަނައީގެ ފޮތްތަކުން އެނގެން އޮތީ އެ ބޭފުޅުންނަކީ ކީރިތި ރަސޫލާގެ އަސްހާބުންނަށާއި އުމްމަހާތުލް މުއުމިނީންނަށް ބަދުބަސް ވިދާޅުވާ، އަދި ގުރުއާނުގެ މާނަ އަމިއްލަ އެދުމަށް ބަދަލުކުރާ ބައެއް ކަމަށެވެ.
ޔަހޫދީ ދައުލަތަށް އީރާނުން ދޭ ހަމަލާތަކަށް ތާއީދުކުރި ނަމަވެސް، އެ މީހުންނަކީ އިސްލާމްދީނުގެ ނަސްރުވެރިންގެ ގޮތުގައި މަތިވެރިކުރުމުގެ މާނައެއް ނެތް ކަމަށް ސަމީރު ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުތައް އަމާޒުވެފައި މިވަނީ، ދީނީ ހަރުކަށި ފިކުރާއި މަޒުހަބީ ތައައްސުބު ރާއްޖޭގައި އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެމަނިކުފާނު ގޮވާލެއްވީ އަމިއްލަ މަސްލަހަތަށްވުރެ އުންމަތުގެ އެއްބައިވަންތަކަން އިސްކުރުމަށެވެ.




