އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ) ގެ ޕްރޮސެކިއުޓަރ ކަރީމް ޚާންގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކުން އޭނާ ބަރީއަވެއްޖެކަން ހާމަކޮށްފިއެވެ.
އައި.ސީ.ސީ ހިންގާ މަޖިލިސް ކަމަށްވާ 'އެސެމްބްލީ އޮފް ސްޓޭޓްސް ޕާޓީސް' (އޭ.އެސް.ޕީ) އިން އައްޔަނުކުރި ތިން ފަނޑިޔާރުންގެ ޕެނަލަކުން ނިންމާފައިވަނީ، ކަރީމް ޚާންގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ނުވަތަ މަގާމުގެ މަސްއޫލިއްޔަތާ ޚިލާފުވިކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ. މި ނިންމުމަކީ ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވާ ނިންމުމެކެވެ.
މި މައްސަލައާ ގުޅޭ ސިއްރު ރިޕޯޓު އޭ.އެސް.ޕީގެ ބިއުރޯއަށް ހުށަހަޅާފައިވަނީ 9 މާރިޗު 2026 ގައެވެ. މި ރިޕޯޓަކީ އދ. ގެ އޮފީސް އޮފް އިންޓަރނަލް އޯވަރސައިޓް ސަރވިސަސް (އޯ.އައި.އޯ.އެސް) އިން ކުރިއަށްގެންދިޔަ ބޭރުގެ މިނިވަން ތަހުގީގަކަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެކެވެ. މި ތަހުގީގުގައި 150 ސަފުހާގެ ރިޕޯޓަކާއި 5،000 އަށްވުރެ ގިނަ ސަފުހާގެ ހެކި ހިމެނޭ ލިޔެކިޔުންތައް ދިރާސާކޮށްފައިވެއެވެ.
މި މައްސަލަ ބެލުމުގައި ޕެނަލުން ބޭނުންކޮށްފައިވަނީ ޖިނާއީ މައްސަލަތަކުގައި ބޭނުންކުރާ އެންމެ މަތީ މިންގަނޑު ކަމަށްވާ "ޝައްކެއް ނެތް މިންވަރަށް ސާބިތުވުން" މި އުސޫލެވެ. މައްސަލައިގެ ރިޕޯޓު ފެނިފައިވާ ނުވަތަ އެ މައުލޫމާތު ލިބިފައިވާ ޑިޕްލޮމެޓިކް މަސްދަރުތަކުން ހާމަކުރާ ގޮތުގައި، ޕެނަލްގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ، އޯ.އައި.އޯ.އެސްގެ ހޯދުންތަކުން ކަރީމް ޚާން އެއްވެސް ކަހަލަ ނޭދެވޭ އަމަލެއް ނުވަތަ މަގާމުގެ މަސްއޫލިއްޔަތާ ޚިލާފު އަމަލެއް ހިންގާފައިވާކަން ސާބިތުނުވާ ކަމަށެވެ.
ކަރީމް ޚާން ވަނީ އޭނާގެ މައްޗަށް ކުރެވުނު ހުރިހާ ތުހުމަތުތަކެއް ތަކުރާރުކޮށް ދޮގުކުރައްވާފައެވެ. މި ތަހުގީގު ކުރިއަށްދިޔަ ދުވަސްވަރު، އޭނާ 2025 ވަނަ އަހަރުގެ މެއި މަހުން ފެށިގެން އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވެވަޑައިގެންފައެވެ. އެ މުއްދަތުގައި ޕްރޮސެކިއުޓަރުގެ އޮފީސް ހިންގަވަމުން ގެންދެވީ ނައިބުންނެވެ.
މި ތުހުމަތުތަކުގެ ޚަބަރުތައް ފުރަތަމަ ފެންމަތިވީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އެއީ ކަރީމް ޚާންގެ އޮފީހުގެ މުވައްޒަފަކު އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ޝަކުވާއެއް ހުށަހެޅި ކަމަށް މީޑިއާތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ. މައުލޫމާތު ލިބޭގޮތުގައި، ޝަކުވާ ހުށަހެޅި ފަރާތުން އައި.ސީ.ސީގެ އެތެރޭގެ ނިޒާމުތަކަށް އެއްބާރުލުން ދިނުމަށް އިންކާރު ކުރުމުން، އޭ.އެސް.ޕީގެ ރިޔާސަތުން މި މައްސަލަ ބެލުމަށް މިނިވަން ތަހުގީގަކަށް ހަވާލުކުރީއެވެ.




