މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފެށުމާ ގުޅިގެން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފްސީލްތަކުގައިވާ ގޮތުން، ބާސެލޯ ނަސަންދުރަ އިން ފެށިގެން ޗާންދަނީ މަގު ކަންމައްޗާ ހަމައަށް މިހާރު ވަނީ އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ބަންދުކޮށް، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންގާފައެވެ.
މި މަޝްރޫއުގެ ދަށުން މަގުގެ އިތުރުން އެ ސަރަހައްދުގެ ފަޅުތެރެއަށްވެސް ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް އޮންނަ ފަޅުގެ ސަރަހައްދު މިއަދުން ފެށިގެން ބަންދުވާނެއެވެ.
މި މަހުގެ 30 އިން ފެށިގެން މަސްވެރިންގެ ޕާކުން ފެށިގެން 5 ނަންބަރު ފާލަމާ ހަމައަށް، އަދި އަންނަ މަހުގެ 17 އިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮންނަ ފަޅުގެ ސަރަހައްދުތައް، މަސައްކަތް ނިމެންދެން ބަންދުކުރުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީކުރުމުގެ މި މުހިންމު މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިއަން ރުފިޔާއަށެވެ. މިދިޔަ އޯގަސްޓް މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައިވަނީ 455 ދުވަހުގެ މުއްދަތެކެވެ.
މި ބަދަލުތަކާ ގުޅިގެން ދަތުރުފަތުރު ކުރާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކަށް ސަމާލުކަންދީ، ބަދަލުކޮށްފައިވާ މަގުތައް ބޭނުންކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.




