މިފްކޯގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރަން ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)އާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.
މިފްކޯ އިން ބުނީ އެ ކުންފުނީގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ޓަކައި، މިފްކޯ އާއި ސީ.އެމް.އީ.ސީއާ ދެމެދު ޖުމުލަ ތިން އެމް.އޯ.ޔޫ.އެއްގައި މިއަދު ސޮއިކޮށްފި އެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި ބޭއްވުނު މި ރަސްމީޔާތުގައި ސޮއިކުރެވުނު އެމް.އޯ.ޔޫ. ތަކުގެ މަޤްޞަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖް އަދި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ޤާބިލްކަން އިތުރުކުރުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
MIFCO and CMEC signed three MoUs to advance fisheries infrastructure, including cold storage and processing facilities in Th. Hirilandhoo, Addu, and G.Dh. Thinadhoo. The partnership will support sector growth, improve supply chain efficiency, and strengthen the livelihoods of… pic.twitter.com/kf8431rGVF
— Ministry of Fisheries and Ocean Resources (@MFORmv) March 21, 2026
މި އެމް.އޯ.ޔޫ ތަކުގެ ދަށުން ތ.ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖް އަދި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްޤީކުރުމާއި، ގދ.ތިނަދޫގައި މިފްކޯ އިން ކުރިއަށްގެންދާ މަސްގަނެ، ފިނިކޮށް ރައްކާ ކުރުމަށްޓަކައި ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކޮށް ފުޅާކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ، ރައްކާކުރުމުގެ ޤާބިލްކަން ފުޅާކުރުމުގެ އިތުރުން، ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫގައި ޤާއިމު ކުރުމުގެ މަސައްކަތްތައް ހިމެނޭކަމަށް މިފްކޯއިން ބުނެއެވެ.
ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމުގައިވާ ސީ.އެމް.އީ.ސީ އާއި މިފްކޯއާއި ދެމެދު ސޮއި ކުރެވުނު މި ތިން އެމް.އޯ.ޔޫ އާއި ގުޅިގެން ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހި ކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުންގެންދަވާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެކަމަށް މިފްކޯއިން އުއްމީދުކުރެއެވެ.




