ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ދަށުން ތަރައްގީކުރާ 1،224 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢުގެ ބިންގާ އެޅުމަށް ހުޅުމާލެ ފޭސް 3 ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީގެ ފަރާތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިރޭ ބިންގާ އެޅި 1،224 ޔުނިޓުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާއެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިންމައި 2028 ވަނަ އަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފެށޭނެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައި.އެން.އޭ.އެޗް) ސިޔާސަތުގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި އުފެއްދި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީން ޖުމުލަ 3،260 ހައުސިންގ ޔުނިޓް ބިނާކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.




