މާލޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ 20 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތައް ރާއްޖެ އަންނަމުން އެބަދެ އެވެ.
އަންނަ ހޯމަ ދުވަހު ފަށަން ހަމަޖެހިފައިވާ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ރާއްޖެ އައީ ސްރީ ލަންކާގެ ޓީމެވެ. އޭގެ ފަހުން ބޫޓާނާއި، ނޭޕާލް އަދި ބަންގްލާދޭޝްގ ޓީމު ވެސް މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ.
އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝް ހިމެނެނީ ގުރޫޕް ބީގައި، އިންޑިއާ އަދި ޕާކިސްތާނާ އެކުގައެވެ. އެންމެ ފުރަތަމަ ބަންގްލަދޭޝް ނިކުންނާނީ 24 ވާ އަންގާރަ ދުވަހު ހަވީރު ޕާކިސްތާނާއި ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ނިކުންނާނީ އިންޑިއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ 28 މާޗް ވާ ހޮނިހިރު ދުވަހު ހަވީރެވެ.
ސީދާ ތައްޓަށް އަމާޒު ހިފާފައިވާ ނޭޕާލުން ފުރަތަމަ މެޗުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 15:45 ގައެވެ. ނޭޕާލްގެ ދެ ވަނަ މެޗު އޮންނާނީ 25 މާޗްގެ ހަވީރެވެ. އެ މެޗުގައި ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.
ނޭޕާލާއި ބޫޓާނާއި ސްރީ ލަންކާ ވާދަކުރާ ގްރޫޕު އޭގައި އޮތް އަނެއް ޓީމަކީ ދިވެހި ރާއްޖެ އެވެ. ގްރޫޕް ބީގައި ހިމެނެނީ ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާނެވެ.
މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތަކެއް ވެސް ބާސެލޯ ނަސަންދުރައިގައި ތިބުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ ޒުވާން ޤައުމީ ޓީމުވެސް ވަނީ މިހާރު ނަސަންދުރާގައި ކޭމްޕުކޮށްފަ އެވެ.
މިފަހަރުގެ މުބާރާތުގައި ވެސް އެންމެ ވަރުގަދަކޮށް ފެންނަނީ ނޭޕާލް ބަލިކޮށް އެންމެފަހުގެ މުބާރާތް ކާމިޔާބުކުރި ބަންގްލާދޭޝްގެ ޓީމެވެ.




