އައްޑޫ ސިޓީގެ ހިތަދޫން އަލަށް ހިއްކާފައިވާ ފަސްގަނޑުމަތީގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޓެކްސީއެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައި، އޭގައި ތިބި ހަތަރު މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:50 އެހާއިރު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއެވެ. މިއީ އާންމުކޮށްވެސް ބާރު ސްޕީޑުގައި އުޅަނދުފަހަރު ދުއްވާ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަނެކެވެ.
މި އެކްސިޑެންޓުގައި އެންމެ ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ކާރު ދުއްވަން އިން އުމުރުން 30 އަހަރުގެ ޒުވާނާއަށެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އައްޑޫ ގޮފީގައި މަސައްކަތްކުރާ މުވައްޒަފެކެވެ.
އޭނާގެ އިތުރުން ކާރުގައި ތިބި އަނެއް ތިން މީހުންނަށްވެސް އެކި މިންވަރުގެ އަނިޔާތައް ލިބިފައިވާއިރު، މި ހަތަރު މީހުންނަށްވެސް މިހާރު ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި އަވަސް ފަރުވާ ދެމުންނެވެ. ހޮސްޕިޓަލުގެ މަސްދަރުތަކުން ބުނާ ގޮތުގައި ޑްރައިވަރުގެ ހާލު އަދިވެސް ވަނީ ނާޒުކު ފަންތިއެއްގައެވެ.
މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯތަކާއި ފޮޓޯތަކުން ހާމަވާ ގޮތުގައި، އެކްސިޑެންޓުވި ކާރު އޮތީ މުޅިން ފުނޑުފުނޑުވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ކާރުގެ ފުރާޅާއި ކުރީކޮޅަށް ލިބިފައިވާ ގެއްލުންތަކުން، އެ އުޅަނދު ދަތުރުކުރި ބާރުމިން ވަރަށް ބޮޑަށް ސާފުވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުގީގެއް ވަނީ ފަށާފައެވެ.
އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީވަމުން އަންނައިރު، މިފަދަ ހާދިސާތައް އިތުރުވަމުންދާތީ ކަމާބެހޭ އިދާރާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.




