އީރާނުގެ އައު އަހަރު ކަމަށްވާ "ނައުރޫޒް" ގެ މުނާސަބަތުގައި އެ ގައުމުގެ ލީޑަރުންނަށް ތަހުނިޔާ ފޮނުއްވައި، ރަޝިޔާއަކީ އިރާނުގެ ވަފާތެރި އެކުވެރިއެއް ކަމަށާއި އަދި އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވިދާޅުވެއްޖެވެ.
އެހެންނަމަވެސް، ރަޝިޔާއިން އީރާނަށް ދޭ އެހީތެރިކަމުގެ މިންވަރާ މެދު ސުވާލު އުފެދެއެވެ.
ކްރެމްލިންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މި ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަބުރުވެރިކަމާއެކު އަރައިގަތުމަށް ވްލަޑިމިއަރ ޕޫޓިން އީރާނުގެ ރައްޔިތުންނަށް އެދިވަޑައިގަންނަވާ ކަމަށާއި، މި ދަތި އުނދަގޫ ވަގުތުގައި ވެސް މޮސްކޯ އޮތީ ތެހެރާނުގެ ވަފާތެރި އެކުވެރިއެއް އަދި އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި" ކަމަށެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މުޅި މެދުއިރުމަތި ނުރައްކާތެރި ފުންގަނޑަކަށް ވެއްޓި، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށް ރަޝިޔާއިން ބުނެއެވެ. ހަމައެއާއެކު، އީރާނުގެ ރޫހާނީ ލީޑަރު އަވަހާރަކޮށްލުމަކީ "ލާއިންސާނީ" އަމަލެއްގެ ގޮތުގައި ސިފަކުރައްވައި ޕޫޓިން ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.
"ޕޮލިޓިކޯ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މޮސްކޯއިން ވަނީ ވޮޝިންޓަނަށް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ އެމެރިކާއިން ޔޫކްރެއިނަށް ރަޝިޔާއާ ބެހޭ ޖާސޫސީ މައުލޫމާތު ފޯރުކޮށްދިނުން ހުއްޓާލައިފިނަމަ، ރަޝިޔާއިން ވެސް އީރާނަށް ޖާސޫސީ މައުލޫމާތު ހިއްސާކުރުން ހުއްޓާލާނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން މި ހުށަހެޅުން ބަލައިގަނެފައެއް ނުވެއެވެ. ކްރެމްލިންއިން ވަނީ މިއީ ދޮގު ރިޕޯޓެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.
އެމެރިކާގެ ނުފޫޒުން ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަދޫރޯ މަގާމުން ދުރުކުރުމާ ގުޅިގެން ރަޝިޔާއަށް އެކުވެރި ގައުމެއް ގެއްލިފައިވީ ނަމަވެސް، ތެލުގެ އަގު އުފުލުމުގެ ސަބަބުން މޮސްކޯއަށް ވަނީ ފައިދާތަކެއް ލިބިފައެވެ.




