އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން، އެ ގައުމުގެ ވޯލްޑް ކަޕް މެޗުތައް އެމެރިކާއިން ބޭރަށް ބަދަލުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށް ބުނި ނަމަވެސް، އެކަން އެގޮތަށް ކުރަން ފީފާއިން ބޭނުންނުވާކަން ހާމަވެއްޖެއެވެ.
އީރާނުން ދެ މެޗު ލޮސް އެންޖެލެސްގައި އަދި އެއް މެޗު ސިއެޓްލްގައި ކުޅުމަށް ގުރުއަތުން ވަނީ ހަމަޖެހިފައެވެ. ނަމަވެސް، އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެން، އީރާނުން މުބާރާތުގައި ބައިވެރިވުމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވީ، އީރާނުގެ ކުޅުންތެރިން އެމެރިކާއަށް ދަތުރުކޮށްފިނަމަ އެ މީހުންގެ "ފުރާނަ އަށް" ނުރައްކާވެދާނެ ކަމަށެވެ. މިއާއެކު އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މެޗުތައް މެކްސިކޯއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ. އީރާނު ފެޑެރޭޝަންގެ ރައީސް މަހްދީ ތާޖް ވަނީ ފީފާއާއެކު މިކަމުގެ މަޝްވަރާތައް ކުރަމުންދާކަން ކަށަވަރުކޮށްދެއްވާފައެވެ.
ނަމަވެސް ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުރިހާ ގައުމުތަކަކާ އެކުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ފީފާގެ އުންމީދަކީ ކުރިން އިއުލާންކޮށްފައިވާ ތާވަލާ އެއްގޮތަށް ހުރިހާ ޓީމުތަކުންވެސް މުބާރާތުގައި ވާދަކުރުން ކަމަށެވެ.
ފީފާގެ މަސްދަރުތަކުން ފާހަގަކުރާ ގޮތުގައި، އީރާނުގެ މެޗުތައް ބަދަލުކުރުމަކީ އެހެން ގައުމުތަކަށް ދަތިތަކެއް ކުރިމަތިވެ، ވިޔަފާރީގެ ގޮތުން ބޮޑެތި މައްސަލަތަކެއް އުފެދޭނެ ކަމެކެވެ. ސަބަބަކީ މިހާރުވެސް ޓިކެޓްތައް ވިއްކާފައިވުމާއި، ބްރޯޑްކާސްޓް ޝެޑިއުލްތަކާއި ސްޕޮންސާޝިޕް އެއްބަސްވުންތައް ނިމިފައިވުމެވެ.
ގްރޫޕް 'ޖީ' ގައި އީރާނާ ދެކޮޅަށް ކުޅެން އޮތީ ބެލްޖިއަމް، މިސްރު އަދި ނިއުޒީލަންޑެވެ. މީގެ އިތުރުން، އީރާނާއި އެމެރިކާ ގްރޫޕުގެ ދެވަނަ ހޯދައިފިނަމަ، ގަދަ 32 ޓީމުގެ ބުރުގައި ޑަލަސްގައި މި ދެ ގައުމު ބައްދަލުކުރަން ޖެހުމަކީވެސް މައްސަލަ އިތުރަށް ގޯސްވާނެ ކަމެކެވެ.
އީރާނުން މުބާރާތުން ވަކިވެއްޖެނަމަ، އެ ގައުމުގެ ބަދަލުގައި ވާދަކުރާނެ ގައުމެއް ކަނޑައެޅުމުގެ ފުރިހަމަ ބާރު އޮތީ ފީފާއަށެވެ. މިއީ 1950 ވަނަ އަހަރަށްފަހު، ގުރުއަތުލުމަށްފަހު ޓީމަކުން ވޯލްޑް ކަޕުން ވަކިވާ ފުރަތަމަ ފަހަރަށް ވެދާނެއެވެ. އީރާނުގެ ބަދަލުގައި މުބާރާތަށް އައުމުގެ އެންމެ ފުރުސަތު ބޮޑީ އިރާގަށެވެ. ނަމަވެސް އިރާގު ޕްލޭ-އޮފް މެޗުން މޮޅުވެއްޖެނަމަ، ދެން އެ ފުރުސަތު ލިބުން އެންމެ ގާތީ ޔޫ.އޭ.އީ އަށެވެ.




