މިދިޔަ ޖެނުއަރީ މަހު މޮރޮކޯގައި ނިމިގެން ދިޔަ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗުގައި ސެނެގާލު ޓީމު މެޗު ކުޅެން ދެކޮޅުހަދައި ދަނޑުން ފޭބި މައްސަލަ ތަހުގީގުކޮށް މުބާރާތުގެ ޗެމްޕިއަންކަން މޮރޮކޯއަށް ދީފިއެވެ.
ސެނެގާލުން މޮރޮކޯގެ މައްޗަށް 1-0 ނަތީޖާއަކުން އެ ކުރި ހޯދި މެޗު ހޫނުވެގެން ދިޔައީ މެޗުގެ ނަތީޖާ އެއްވަރުވެގެން ފުރިހަމަ ވަގުތު ނިމެން ދަނިކޮށް، އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން ސެނެގާލްގެ ކުޅުންތެރިން ވަނީ ކުޅެން ދެކޮޅު ހަދައި ގާތްގަނޑަކަށް 17 މިނެޓަށް މެޗު މެދުކަނޑާލި އެވެ.
އެއަށް ފަހު އަލުން މެޗު ފެށީ މޮރޮކޯ އަށް ލިބުނު ޕެނަލްޓީންނެވެ. ނަމަވެސް ބްރަހީމް ދިއާޒް ފޮނުވާލި ޕެނަލްޓީ ވަނީ ސެނެގާލުން ސޭވްކޮށްފައެވެ. އޭގެ ފަހުން އިތުރު ވަގުތުގެ ތެރޭގައި ސެނެގާލްގެ ޕަޕް ގޭ ވަނީ ލަނޑެއް ޖަހައި މެޗު ކާމިޔާބުކޮށްދީފައެވެ.
އެހެންނަމަވެސް، އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެޕީލް ބޯޑުން މިހާރު ވަނީ އެ ނަތީޖާ ބަދަލުކޮށްފައެވެ. ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯޅަ (ކާފް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސެނެގާލުން ފައިނަލް މެޗު "ދޫކޮށްލާފައިވާ" ކަމަށް ކަނޑައަޅައި، މެޗުގެ ނަތީޖާ 3-0 އިން މޮރޮކޯ މޮޅުވި ކަމަށް ރެކޯޑުކޮށްފައިވާ ކަމަށެވެ.
ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ މި ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް ގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި މިއީ "ބޭއިންސާފު، މީގެ ކުރިން ކަން ހިނގާފައި ނުވާފަދަ، އަދި ބަލައިގަނެވޭނެ ނިންމުމެއް ނޫން" ކަމަށް ބުނެ، މީގެ ސަބަބުން އެފްރިކާގެ ފުޓްބޯޅައަށް ބަދުނާމު އަންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ނިންމުން ނިންމާފައިވަނީ މޮރޮކޯގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހެޅި އެޕީލްއަކާ ގުޅިގެންނެވެ. ކާފް އިން ބުނި ގޮތުގައި، ސެނެގާލުން ވަނީ މުބާރާތުގެ ގަވާއިދުގެ 82 ވަނަ މާއްދާއާ ޚިލާފުވެފައެވެ. އެ މާއްދާގައި ބުނާގޮތުން، ރެފްރީގެ ހުއްދަނެތި ޓީމަކުން ކުޅެން ދެކޮޅު ހަދައި ނުވަތަ ދަނޑުން ފައިބައިފިނަމަ، އެ ޓީމަކީ ބަލިވި ޓީމެއް ކަމަށް ބަލައި މުބާރާތުން ވަކިކުރެވޭނެއެވެ. އަދި 84 ވަނަ މާއްދާގެ ދަށުން، އެފަދަ ޓީމެއް 3-0 އިން ބަލިވި ކަމަށް ކަނޑައެޅޭނެއެވެ.
މޮރޮކޯގެ އެފްއޭ އިން ބުނީ މި މައްސަލަ އެޕީލް ކުރީ ޓީމުތަކުގެ ކުޅުމަށް ގޮންޖެހުމުގެ ނިޔަތުގައި ނޫން ކަމަށާއި، އެއީ ހަމައެކަނި މުބާރާތުގެ ގަވާއިދުތައް ތަންފީޒު ކުރުމަށް އެދި ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ.




